އުކުޅަހުގައި ކާރު އެކްސިޑެންޓެއް، ކާރު ދިޔައީ ކުއްޖާ ގައި މަތިން!

އއ. އުކުޅަހުގައި ކާރު އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
އުކުޅަހުން "ދެން" އާއި ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މިހާދިސާ ހިނގާފައިވަނީ ކާރު ފަހަތަށް ޖެއްސުމުގެ ތެރޭގައެވެ. އަދި މިހާދިސާގައި ކާރު ގޮސްފައިވަނީ އެކުއްޖާގެ ގައި މަތިން ކަމަށް އެމީހާ ބުންޏެވެ.
މިއަދު ހަވީރު 5 ޖަހާކަށް ހާއިރު ހިނގައި ދިޔަ މިހާދިސާ އާއި ގުޅޭގޮތުން އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ މި އެކްސިޑެންޓަކީ ނުރައްކާތެރި އެކްސިޑެންޓެއްކަމަށާއި އެކުއްޖާއަށް މާބޮޑު އަނިޔާއެއް ނުވީ އެކުއްޖާގެ ނަސީބު ރަނގަޅު ކަމުން ކަމަށެވެ.
"ގާތް ގަނޑަކަށް 13 ނޫނީ 14 ވަރަކަށް އަހަރުގެ ކުއްޖެއް އެއީ. ތަންތަން މަށައިގެން ގޮސްފައި ހުރީ ބޭރުފުށުން. ދެން އަޅުގަނޑު ޑޮކްޓަރާއި ވާހަކަ ދައްކާލިން ޑޮކްޓަރު ބުނި ސީރިއަސް އަނިޔާއެއް ލިބިފައެއް ނެތޭ. އެކަމަކު އިތުރަށް ޔަގީން ކުރަން މިހާރު މާލެ ފޮނުވާލާފައި ވީ އެކުއްޖާ" ޝައުކަތު ވިދާޅުވިއެވެ.
އެ ހާދިސާގައި އަނިޔާވެފައި ވަނީ އުކުޅަހު ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ދަރިވަރަކަށް ކަމަށާއި ހާދިސާ ހިނގި އިރު އޭރު އޭނާ ހުރީ ފިހާރައެއްގެ ދޮރު މަތީކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ތި ކުޑަކުޑަ ރަށުގަ ކީކުރާ ކާރެއް