ޚަބަރު ސިޔާސީ

ތިންހާސް މެމްބަރުން ހަމަ ނުވުމުން، ޕާޓީ އުވައިލުމަކީ އެކަން ކުރަން އޮންނަ ގޮތް: މަވޯޓާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސިޔާސީ ޕާޓީއަކަށް ޤާނޫނުގައި ބުނާ އަދަދު ހަމަ ނުކުރެވޭނަމަ، އެ ޕާޓީއެއް އުވައިލުމަކީ، އޮންނަ ގޮތް ކަމަށް ވިދާޅުވެ، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު އެމްއާރްއެމްގެ އިސް ބޭފުޅުންނަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

މަވޯޓާ މިގޮތަށް ވިދާޅުވީ، ޤާނޫނުގައި ބުނާ ވަރަށް މެމްބަރުން ހަމަނުވެގެން އެމްއާރްއެމް އުވައިލަން ނިންމީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒުން ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވުމުންނެވެ. ފާރިސްގެ މި ވާހަކައަށް އެމްއާރްއެމްގެ ޒައީމް ވެސް އެއްބަސްވެވަޑައިގެންނެވިއެވެ.

މިކަމާ ގުޅިގެން މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި 3،000 މެމްބަރުން ހަމަނުވާ ނަމަ، އެ ޕާޓީއެއް އުވައިލުމަކީ ޤާނޫނުގައި އޮތް ގޮތް ކަމަށެވެ.

"މިޔަކު އޮތީ ކޮން ކޮރަޕްޝަނެއް؟ ހަމަ ނޭނގުނޭ." މަވޯޓާ ވިދާޅުވިއެވެ.

އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ދެވަނަ ނޯޓިސް ދިނުމަށްފަހުވެސް 3000 މެންބަރުން ހަމަނުކުރެވުމުންނެވެ.

މީގެކުރިންވެސް 3000 މެންބަރުން ހަމަނުކުރެވުމުން އެމްއާރްއެމަށް އޮތީ ނޯޓިސް ދީފައެވެ. އެފަހަރު މެންބަރުން ހަމަކުރުމަށްފަހު ފޯމު ހުށަހެޅިނަމަވެސް އެންމެފަހުން އީސީން ހާމަކުރި ތަފާސްހިސާބުން ދައްކާގޮތުން އެމްއާރްއެމްގެ މެންބަރުންގެ އަދަދު ހަމައެއް ނުވެއެވެ.

މެންބަރުން ހަމަކުރުމަށް އެމްއާރްއެމްއަށް 2 ވަނަ ނޯޓިސް ފެބުރުއަރީ 22 ގައި ފޮނުވިއިރު، ނޯޓިސްގެ މުއްދަތު ހަމަވެފައިވަނީ މޭ 22 ވަނަ ދުވަހަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!