ބޮލީވުޑް މުނިފޫހިފިލުވުން

އާމިރު ހާންގެ ޗެމްޕިއަންސް ފިލްމުން ފެންނާނީ ސަލްމާނެއް ނޫން, ރަންބީރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އާމިރު ޕްރޮޑިއުސް ކުރާ ފިލްމުން ރަންބީރު ފެނިދާނެ

މަޝްހޫރު ސްޕެނިޝް ފިލްމު "ކެމްޕިއޯންސް" ގެ ހިންދީ ރީމޭކެއް އުފައްދަން އެކްޓަރު އާމިރު ޚާން ތައްޔާރުވެފައިވާއިރު، އެ ފިލްމުން ފެންނާނީ ރަންބީރު ކަޕޫރު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީގެ ތިން އަހަރު ކުރިން "ޗެމްޕިއަންސް" ގެ ނަމުގައި އާމިރު މި ފިލްމު އިޢުލާނު ކުރިއިރު، އޭގެ ލީޑު ރޯލު ކުޅެން ހަމަޖެހިފައި އޮތީ އޭނާ އަމިއްލައަށެވެ.

އެހެންނަމަވެސް އެންމެ ފަހުން ނިކުތް އޭނާގެ "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތްތައް ފެށުމާއިއެކު، "ޗެމްޕިއަންސް" ގެ ލީޑް ރޯލު ސަލްމާން ޚާންއަށް ހުށަހެޅިއެވެ.

ފިލްމުގެ ސްކްރިޕްޓު އަޑުއެހުމަށްފަހު ސަލްމާން ވަނީ އެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެދިފައެވެ. އެ ބަދަލުތައް ގެންނަން އެތައް އަހަރެއް ހޭދަވެ މަސައްކަތް މުޅިން ނިންމައިލިއިރު ސަލްމާންގެ އެހެން ޕްރޮޖެކްޓުތަކެއް ހުރީ ރޭވިފައެވެ. އެހެންވެ ސަލްމާން ވަނީ "ޗެމްޕިއަންސް" ދޫކޮށްލައިފައެވެ.

އާމިރު ދެން މިރޯލު ހުށަހެޅީ ރަންބީރަށެވެ. ފިލްމަށް ރަންބީރު އާނއެކޭ ބުނިކަން މީޑިއާ ރިޕޯޓުތަކުގައި ކަށަވަރެއް ނުކޮށްދެއެވެ. އެހެންނަމަވެސް ފިލްމުގެ ސްކްރިޕްޓު ރަންބީރަށް ވަރަށް ކަމުދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ.

އާމިރު ހަރަކާތްތެރިވާނީ "ޗެމްޕިއަންސް" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައެވެ. ފިލްމު ޑައިރެކްޓު ކުރާނީ ކާކުކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެހެންނަމަވެސް ފިލްމުގެ ޑައިރެކްޝަނަށް އާރު އެސް ޕްރަސައްނަ އެއްބަސްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕެނިޝް ފިލްމު "ކެމްޕިއޯންސް" އަކީ ސްޕޯޓްސް ޑްރާމާ އެކެވެ. މިފިލްމުގައި ފެންނަނީ ބާސްކެޓްބޯލް ޓީމެއްގެ އެސިސްޓެންޓް ކޯޗެއްގެ ދިރިއުޅުމެވެ.

"ޗެމްޕިއަންސް" ގެ އިތުރުންވެސް ރަންބީރު ދަނީ ސްޕޯޓްސް ޑްރާމާއެއް ކުޅެން ތައްޔާރުވަމުންނެވެ. އެއީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ސޯރަވް ގަންގުލީގެ ބައޯޕިކް އެކެވެ. މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ "އެނިމަލް" ގައެވެ. މިފިލްމުގައި ފުރަތަމަ ފަހަރަށް ރަންބީރު، ރަޝްމިކާ މަންޑާނާއާއިއެކު ފެނިގެންދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!