މި ދެއަހަރަށް ބަލައިލިޔަސް ފެންނަނީ މުޖުތަމަޢުގައި އޮތް ބިރުވެރިކަމާއި ނާމާންކަން: ޠާރިޤު
2022 އަދި 2023 އަށް އެކަނި ބަލައިލިޔަސް ފެންނަނީ މުޖުތަމައުގައި އޮތް ބިރުވެރިކަމާއި ނާމާންކަން ކަމަށާއި ރައީސް އިބްރާހިމް މުޙަައްމަދު ޞާލިހު ވެރިކަމުން ބޭލުން ނޫންގޮތެއްނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ފާއިތުވީ ދެއަހަރުގެ ތެރޭގައި ރާއްޖޭގައި އަނިޔާވެރިކޮށް މަރާލެވުނު މީހުންނާއި ބެހޭގޮތުން ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކެއްގެ ސްކްރީން ޝޮޓުތަކާއެކު ކުރެއްވި ޓްވީޓެއްގައި ޓޮމް ވިދާޅުވީ ދެވަނަ ދައުރެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދެނީ ރާއްޖެއަށް އަމާންކަން ގެނެވިއްޖެކަމަށް ވިދާޅުވެކަމަށެވެ.
"ތިމަންނާއަށް ދެވަނަ ދައުރެއް ދޭށޭ ބުނެ ސަބަބަކަށް ދައްކަނީ ދިވެހިރާއްޖެއަށް އަމާންކަން ގެނެވިއްޖެކަމަށް ވިދާޅުވެ، 2022 އަދި 2023 އަށް އެކަނި ބަލާލިޔަސް ފެންނަނީ މުޖުތަމަޢުގައި އޮތް ބިރުވެރިކަމާއި ނާމާންކަން. ރައީސް އިބްރާހިމް ބޭލުން ނޫންގޮތެއްނެތް" ޓޮމް ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އިދިކޮޅުން ދަނީ ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިތުރު ދައުރެއް ދޭން ނުޖެހޭ ގިނަ ސަބަބުތައް ދައްކަމުންނެވެ.