ބޮލީވުޑްގެ މަގްބޫލު އެކްޓަރު ރަންވީރު ސިންގް ހޮލީވުޑްގެ ޓެލެންޓް އޭޖެންސީއަކަށް ސޮއިކޮށްފި އެވެ.

Ads by Sosun Fihaara

ރަންވީރު ސޮއިކުރީ ވިލިއަމް މޮރިން އެންޑީވާ (ޑަބްލިއުއެމްއީ) އަށެވެ. މި އޭޖެންސީއަކީ ބެން އެފްލެކް، ކްރިސްޓިއަން ބޭލް އަދި ޖޭކް ގިލެންހާލް ފަދަ ތަރިން މިހާރުވެސް މެނޭޖު ކުރަމުންދާ އެޖެންސީ އެވެ.

ރަންވީރުގެ ކުރިން ބޮލީވުޑް ބަތަލާ އާލިއާ ބަޓްވެސް މި އޭޖެންސީއަށް ވަނީ ސޮއިކޮށްފަ އެވެ. އާލިއާ ވަނީ ހޮލީވުޑް ފިލްމެއްގައި މަސައްކަތްވެސް ކޮށްފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރަންވީރުގެ ބްރޭންޑް ވެލިއުއަކީ 181.7 މިލިއަން އެމެރިކާ ޑޮލަރެވެ. އޭނާއަކީ އެންބީއޭ، އެޑިޑާސް، ޕެޕްސީކޯ އަދި އަބޫ ދާބީ ޔަސް އައިލޭންޑް ފަދަ ބްރޭންޑުތަކުގެ އެމްބެސަޑަރުވެސް މެ އެވެ.

ފާއިތުވެ ދިޔަ މަދު އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ހޮލީވުޑް ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އަނިލް ކަޕޫރު، ޕްރިޔަންކާ ޗޯޕްރާ، ޑިމްޕަލް ކަޕާޑިއާ، ފަރުހާން އަކްތަރު، ދިޕިކާ ޕަދުކޯންގެ އިތުރުން އާލިއާ ބަޓް ފަދަ ތަރިން ވަނީ ހޮލީވުޑް ފިލްމުތަކުގައި މިހާތަނަށް އައިއިރު މަސައްކަތް ކޮށްފަ އެވެ. ޕްރިޔަންކާ މިހާރު ގިނައިން ފެންނަނީ ހޮލީވުޑް ފިލްމުތަކުންކަންވެސް ފާހަގަކޮށްލެވެ އެވެ.

ރަންވީރަށް ހޮލީވުޑް ފިލްމެއް ލިބުނުކަން އަދި ކަށަވަރެއް ނުވެ އެވެ. އެހެންނަމަވެސް އެފަދަ ވާހަކަތަކެއް މީޑިއާގައި ދައްކަމުން ދެއެވެ.

ރަންވީރު އެންމެ ފަހުން މަސައްކަތް ނިންމާލާފައިވަނީ ކަރަން ޖޯހަރުގެ "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެވެ. މިފިލްމުގައި އޭނާ ފެންނާނީ އާލިއާގެ އިތުރުން ދަރްމޭންދުރަ، ޖަޔާ ބައްޗަން އަދި ޝަބާނާ އާޒްމީއާއިއެކު އެވެ. މިފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!