ޝާހުގެ ލެގަސީ ދަމަހައްޓަން ދަރިފުޅު އާރްޔާން ބޮލީވުޑަށް
ބޮލީވުޑް ސުޕަސްޓާ ޝާހުރުކް ހާންގެ ދޮށީ ދަރިފުޅު އާރްޔާން ހާން ބޮލީވުޑަށް ނިކުމެއްޖެއެވެ.
ޝާހުއަކީ އިންޑިއަން ސިނަމާގައި މިވަގުތު ހުރި އެންމެ ވަރުގަތަ ތަރިއަށް ވިޔަސް އާރްޔާން ނިކުންނަނީ އެކްޓިންއަކަށް ނޫނެވެ. އާރްޔާން ނިކުންނަނީ ޑައިރެކްޓު ކުރާށެވެ. އެގޮތުން އޭނާގެ ފުރަތަމަ ވެބް ސީރީޒްގެ ޝޫޓިން އިއްޔެ ވަނީ ފަށައިފައެވެ.
ގިނަ ދުވަސްތަކެއްގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތަށްފަހު އާރިޔާންގެ ފުރަތަމަ ވެބް ސީރީޒްގެ މަސައްކަތް އިއްޔެ ފެށިއިރު ފުރަތަމަ ކުރިއަށް ދާނީ އޮފީސް ތެރޭގައި ނަގާ ސީންތަކެއްގެ މަސައްކަތެވެ.
ކްރޫގައި 350 މެމްބަރުން ހިމެނޭއިރު މި ފިލްމުގެ ތަރިންގެ ތެރޭގައި ލަކްޝަޔާ ލަލްވާނީ ހިމެނެއެވެ. އިތުރު ތަރިންގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
އިއްޔެ ފުރަތަމަ ޝޫޓިންތައް ފެށިއިރު އާރްޔާންގެ ބައްޕަ ޝާހުރުކް ހާންއާއި އޭނާގެ ގާތް ރަހުމަތްތެރިޔާ ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ ސެޓަށް ގޮސްފަ އެވެ. ދެމީހުން ދިޔައީ ޑައިރެކްޓަރެއްގެ ގޮތުގައި އާރްޔާން މަސައްކަތްކުރާ ފުރަތަމަ ދުވަހު ހިތްވަރު ދިނުމުގެ ގޮތުންކަމަށް ވެއެވެ. މީގެ އިތުރުން ސީރީޒްގައި ކަރަންގެ ހާއްސަ ފެނިލުމެއް ހިމަނާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އާރްޔާންގެ މި ވެބް ސީރީޒް ޕްރޮޑިއުސް ކުރަނީ ބައްޕަ ޝާހު އެވެ. މި ސީރީޒްގައި 6 އެޕިސޯޑެއް ހިމެނޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.
ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ އާރްޔާން ސްކްރީނުން ފެންނާނެ ކަމަށެވެ. އެހެންނަމަވެސް ޝާހު ވަނީ އާރްޔާންގެ އެފަދަ ޝައުގުވެރިކަމެއް އަދި ނެތްކަމަށް މީގެ ކުރިން ބުނެފަ އެވެ. ޝާހުގެ ހަމައެކަނި އަންހެން ދަރިފުޅު ސުހާނާ ހާން ވަނީ އެކްޓިންއަށް ނިކުމެފައެވެ. އޭނާ މަސައްކަތް ކުރީ ޒޯޔާ އަކްތަރުގެ ދަ އާޗީޒްގައެވެ.