ޚަބަރު ސިޔާސީ

މުޅި އައްޑޫއިންވެސް ޑިމޮކްރެޓްސްއަށް ސޮއިކުރީ އެންމެ 300 މީހުން: އިބުރޭ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްޑީޕީ އިންތިހާބު ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އައްޑޫ ސިޓީގެ މުޅި އާބާދީއިން "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރީ އެންމެ 300 މީހުންކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

Ads by MWSC

ދަ ޑިމޮކްރެޓްސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދުމުގެ މަތިން އެމަނިކުފާނުގެ އަރިސް ބޭފުޅުންތަކެއް އިސްވެ ތިއްބަވައި އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ އެކެވެ. ދާދި ފަހުން އެޕާޓީން ވަނީ 3،000 އަށްވުރެއް ގިނަ ފޯމާއިއެކު ޕާޓީ ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

އިބުރޭ ވިދާޅުވީ އެންމެ ފަހުން ބެލިއިރު އައްޑޫ ސިޓީން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރީ ގާތްގަނޑަކަށް 60 މީހުންނެވެ. އެހެންނަމަވެސް މިހާރު 300 އެއްހާ މީހުން އެޕާޓީއަށް ސޮއިކޮށްފާނެކަމަށް ލަފާ ކުރެވޭކަމަށް އިބުރޭ ވިދާޅުވި އެވެ.

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވެސް ވަނީ ޑިމޮކްރެޓްސްއަށް އައްޑޫ ސިޓީގެ ތާއީދު ނެތްކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މީދޫ ދާއިރާއިން އެޕާޓީއަށް ސޮއިކުރީ އެންމެ 12 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީއަކީ އެމްޑީޕީ މެމްބަރުންގެ ބޮޑު ބައެއް ހިއްސާ ކުރާ ތަނެކެވެ. އެގޮތުން މާލޭ ސިޓީގެ އިތުރުން އެޕާޓީގެ މެމްބަރުން އެންމެ ގިނައީ އައްޑޫގަ އެވެ. އައްޑޫ ސިޓީއަކީ އަބަދުވެސް އިންތިހާބުތަކުގައި އެމްޑީޕީއަށް ބުރަވެފައި އޮންނަ ތަނެކެވެ.

ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި 3،500 އެއްހާ މީހުންގެ ފޯމު އިލެކްޝަނަށް ހުށަހެޅީ ފޯމުތައް ޕްރޮސެސްކުރުން އަވަސްކުރަން ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ. ސިޔާސީ ޕާޓީއެއް ރަސްމީކޮށް ރަޖިސްޓްރީ ކުރަން ބޭނުންވަނީ އެންމެ މަދުވެގެން 3،000 މެމްބަރުންގެ ފޯމެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ އެއީ މިހާތަނަށް އެޕާޓީއަށް ސޮއިކުރި ހުރިހާ މެމްބަރުންގެ ފޯމު ނޫންކަމަށެވެ. ބާކީ މެމްބަރުންގެ ފޯމުތައް ހުށަހަޅާނީ ޕާޓީގެ ރަޖިސްޓްރޭޝަން ކަންކަން ނިމުމުންކަމަށް އެޕާޓީން ބުނެ އެވެ.

ރައީސް ނަޝީދުގެ އެދުމުގެ މަތިން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރާއިރު އެމަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގަ އެވެ. އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް ފިޔަވަޅު އަޅައި ދާދި ފަހުން ވަނީ އެޕާޓީން ވަކިކޮށްފަ އެވެ. އެހެންނަމަވެސް ރައީސް ނަޝީދަށް ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!