ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންނަށް ސަރުކާރުން ބިރުދައްކާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ އަރިސް ބޭފުޅުއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރި މީހުންނަށް ސަރުކާރުން ބިރުދައްކަމުންދާކަމަށް ބުނެ ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ޑިމޮކްރެޓްސްގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފު ހުށަހެޅުއްވި މިމައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ 16 މެމްބަރުންނެވެ. އަދި ނުފެންނަކަމަށް 16 މެމްބަރަކު ވޯޓު ދެއްވިއެވެ. މައްސަލަ ބަލައިގަންނަން ބޭނުންވަނީ 25 ވޯޓު ކަމުން ވޯޓު ހަމަ ނުވެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
ޙަސަން ލަޠީފު ހުށަހެޅުއްވި މައްސަލައިގައި، ވަނީ ޕާޓީއަށް 3،000 މެމްބަރުން ހަމަކުރުމަށް ދީފައިވާ މުއްދަތުގެ މާ ކުރިން އެއަދަދަށްވުރެއް ގިނައިން މެމްބަރުން ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ރެކޯޑެއްކަން ފާހަގަކޮށް އެމައްސަލައިގައި ބުނީ ޕާޓީއަށް ސޮއިކުރި މީހުންގެ ތަފްސީލު ސަރުކާރުން ވަގަށް ހޯދާފައިވާ ކަމަށެވެ.
"...އެ މަޢުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީސްމީހުންނަށް ގުޅައި ބިރުދައްކަން ފަށައިފައެވެ. ސަރުކާރުން އެކަން ހިންގަނީ ފުޅާ ދާއިރާއެއްގައެވެ. ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަޏީ އެ މުޑުދާރު ޢަމަލު ހިންގަވަމުންނެވެ." މައްސަލައިގައިވެއެވެ.
މީގެ އިތުރުން ބިރު ދައްކައި ނުފޫޒު ފޯރުވުމުގެ ގޮތުން ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންނާއި އެމީހުންގެ އާއިލާގެ މެމްބަރުން ސްޑޫޑެންޓް ލޯނަށް ނުވަތަ ގޯއްޗަށް ހުށަހަޅާފައިވޭތޯ ބަލައި އެކަން ވާން ބޭނުންނަމަ ސޮއި އަނބުރާ ނެގުމަށް ސަރުކާރުން އަންގަމުން ދާކަމަށް ބުނެފައިވެއެވެ. އަދި ސޮއިކުރި މީހުން އީސީއަށް ގުޅައި ސޮއިކޮށްފައި ނުވާނެކަމަށް އެންގުމަށް އެމީހުން ގާތު ބުނަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ހިންގަމުންދާ މި ހުތުރު ޢަމަލުތަކަކީ އެމްޑީޕީ އުފެއްދި މަޤުސަދުތަކާއި އެޕާޓީން ވަކާލާތު ކުރަމުންދިޔަ ހަމައާއި އުސޫލުތަކާއި ދިމާ އިދިކޮޅު ޢަމަތަކެއްކަމަށް ހަސަން ލަތީފު ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ. އަދި ޚާއްސަކޮށް އެމްޑީޕީގެ ރައީސަކު އިސްވެ ހުންނަވައި މިފަދަ ކަމެއް ހިންގަވާތީ މައްސަލައިގައި އެކަމުގެ ހުތުރުކަން ވަނީ ފާހަގަކޮށްފައެވެ.