ޚަބަރު ސަރުކާރު

ޙައްޖުވެރިންނަށް ޚިދުމަތްދޭ ”އަލް ބައިތު ގެސްޓްސް” އާ ދިވެހި ޙައްޖު މިޝަނުން ބައްދަލުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

1444 ވަނަ އަހަރު ދިވެހިރާއްޖެއިން ވަޑައިގަންނަވާ ޙައްޖުވެރިންނަށް ޚިދުމަތްދޭ ކުންފުނިކަމުގައިވާ ”އަލް ބައިތު ގެސްޓްސް” އާ ދިވެހި ޙައްޖު މިޝަނުން ބައްދަލުކޮށްފިއެވެ.

Ads by Hajj Corporation

މި ބައްދަލުވުން އޮތީ މައްކާގައި ހުންނަ ”އަލް ބައިތު ގެސްޓްސް”ގެ މައި އޮފީހުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ޙައްޖުގެ ޚިދުމަތް ދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނާއި، މީނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް  ޚިދުމަތްދިނުމަށްޓަކައި އެ ކުންފުނިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުންނެވެ. އަދި މީގެ އިތުރުން ކުރީ އަހަރުތަކުގައި ދެވުނު ޚިދުމަތްތަކަށް ބަލާއިރު، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނެވިފައިވެއެވެ.

ޙައްޖުވެރިންނަށްދޭ ޚިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެކަން ފާހަގަ ކުރައްވަމުން ” އަލްބައިތު ގެސްޓްސް” ގެ މެނޭޖިންގ ޑިރެކްޓަރ އުސާމާ ޢަބްދުﷲ ދާނިޝް ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު މިނާ އަދި ޢަރަފާތުގައިވެސް ދިވެހި އެންމެހައި ޙައްޖުވެރިން ތިބޭނީ އެއް ސަރަޙައްދުގައި ކަމަށެވެ.

އަދި ޚިދުމަތުގެ ފެންވަރު ކުރީ އަހަރުތަކަށްވުރެ ރަނގަޅުވާނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.

މި ބައްދަލުވުމުގައި ދިވެހި ޙައްޖު މިޝަން ހުރިހައި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!