ޚަބަރު

3000 ބައިވެރިންނާއެކު ހުޅުމާލޭގައި އާބަންކޯއިން ސާފުކުރުމުގެ ބޮޑު ހަރަކާތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ތިމާވެށީގެ ދުވާހާއި ގުޅިގެން އަރބަންކޯއިން އިފްތިތާހުކޮށްފައިވާ "ދުނިޔެ މަގޭ ކެމްޕޭން" ގެ ދަށުން ހުޅުމާލެ ސާފުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ބޮޑު އިވެންޓު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Ads by STELCO

ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ން ފެށިގެން 10:30 އާ ހަމައަށް ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި ސަރުކާރު ކުންފުނިތަކާއި، މިނިސްޓްރީތައް އަދި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، އެކި ޖަމިއްޔާތަކުން ޖުމްލަ 3،000ށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

މި ހަރަކާތުގައި މުޅި ހުޅުމާލޭގެ ފޭސް 1 އަދި 2 ހިމެނޭހެން މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ޖުމްލަ 7 ބަޔަކަށް ބަހާލައި އިވެންޓުގައި ބައިވެރިވި މީހުންގެ މެދުގައި ޓީމުތައް ބަހައިގެން ވަނީ ސާފުކޮށްފައެވެ. ކޮކާ ކޯލާ، މޯޕާ، އަދި ވެމްކޯގެ އިތުރަށް އެމްޕީއެލް، އެމްއާރްސީ، ބުރުޒު ކޭޓަރިން، އަދި ވެލިގާ ހާޑްވެއަރ އެހީތެރިކަމާއި އެކު ކުރިއަށް ގެންދިޔަ މި އިވެންޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި އިވެންޓު ނިންމާލުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގެ ތެރޭގައި އަރބަންކޯގެ ފަރާތުން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

ތިމާވެއްޓަކީ ސާފު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަރބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ބޭއްވި މި ހަރަކާތަކީ މިފަދަ ދެވަނަ ކްލީން އަޕް އިވެންޓެވެ. މި އިވެންޓުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ވެސް ކުރިއަށްގެންދެވޭ ކަމަކަށް ހެދުމަށް އަރބަންކޯގެ ފަރާތުން މިއަދު ވަނީ ޚާއްސަ ޗެލެންޗެއް ވެސް ތައާރަފްކޮށްފައެވެ.

އެގޮތުން މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާނީއެވެ. އަރބަންކޯއިން ބޭއްވި އިވެންޓަށް ފަހު ޗެލެންޖުކޮށްފައިވަނީ ސްޓެލްކޯއަށެވެ. މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަށަންދަތި އަރުވަން ޖެހެއެވެ. އެގޮތުން އިވެންޓު ނިންމާލުމަށް ބޭއްވި ރައްމިއްޔާތުގައި އަރބަންކޯގެ ފަރާތުން ވަނީ ރަމްޒީ މަށަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވާފައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަރބަންކޯއިން މި ހަރަކާތް ކުރިއަށްގެންދިޔަ އިރު، އަރބަންކޯގެ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކުރިއަށް ގެންދެވޭ މި ނޫން ވެސް ހަރަކާތްތައް މި އަހަރު ތެރޭގައި ރާވާފައިވާކަމަށް އަރބަންކޯ އިން ބުނެފައިވެއެވެ.

Ads by HDC
  1. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަޤުތީ މިސްކިތޭ ކިޔާއިގެން އާބަންކޯއިން ހަދާފަ މިހުންނަނީ ހޫނު ގުދަންތަކެއް ،އެތާގައި މީހަކު ނަމާދުކޮށް ނިމޭއިރު ހޫނުކަމުން ގޮސް ބޮލުގައި ރިއްސާ އެބުރުން އަރާފައި މީހާހުންނަނީ އަންބުރާއިގެން ވެއްޓެން ކައިރިވެފައި، ވަޤުތީ މިސްކިތްވެސް މިޔައްވުރެން ރަގަޅުކޮށްވެސް ހެދިދާނެ !