ނާޒިމްގެ ސެކްސް އެޑިއުކޭޝަން ވައުދާއި ގުޅިގެން ހިޔާލު ތަފާތުވުންތަކެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ސެކްސް އެޑިއުކޭޝަން ތައާރަފު ކުރާނެކަމަށް ވިދާޅުވެ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް ވެވަޑައިގެންނެވި ވައުދާއިމެދު ހިޔާލު ތަފާތުވުން އުފެދިއްޖެ އެވެ.
ސެކްސް އެޑިއުކޭޝަން ނުވަތަ ޖިންސީ ގުޅުން ހިންގުމާއި ގުޅުންހުރި ކަންކަމުގައި ހޭލުންތެރި ކުރުވުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ސްކޫލު ދައުރުން ފެށިގެން އުނގަންނައިދެމުން އަންނަ ކަމެކެވެ. ސެކްސް އެޑިއުކޭޝަން ކުރިއަށް ގެންދަނީ ރައްކާތެރިކަމާއިއެކު ޖިންސީ ގުޅުން ހިންގާނެ ގޮތް ދަސްކޮށްދިނުމަށާއި ޖިންސީ ގުޅުން ހިންގުމުން ފެތުރޭ ބަލިތަކާއިމެދު ހޭލުންތެރި ކުރުވުމުގެ ގޮތުންނެވެ.
"ނާޒިމް ބުނީ ކީކޭ" ގެ ނަމުގައި ކްލަބް ހައުސްގައި ކުރިއަށްގެންދިޔަ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކުދިންގެ "މެންޓަލް ހެލްތް" ރަނގަޅު ކުރުމަށް ގިނަ ޕްރޮގްރާމްތައް ރާވާނެ ކަމަށެވެ. އެގޮތުން ކުޑަކުދިންނާއި ބެހުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިކަން ހައްލު ކުރެވޭނީ ޖިންސީ ގުޅުން ހިންގުމާއި ގުޅޭގޮތުން ކުޑަކުދިން ހޭލުންތެރި ކުރުވިގެންކަމަށް ނާޒިމް ވިދާޅުވި އެވެ.
"ބައެއް ފަހަރު މި ވަނީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި މި ފެންނަނީ އެ ވާހަކަ ދެއްކުން، އަޅުގަނޑުމެންނާއި ބެލެނެވެރިންނާއި ސްކޫލްތަކުގައި ކޮބައިކަން އަަސްލުގައި ކުއްޖެއްގެ ލަދުވެތި ގުނަވަންތަކަކީ ނުބެނެދެވޭ" ދަނގެތީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އަންހެން ކުދިންނަށްވެސް އަދި ފިރިހެން ކުދިންނަށްވެސް އަތް ނުލެވޭނެ ތަންތަން ނުކުރެވޭނެ ކަންކަން ކިޔާދޭނެ ކަމަށެވެ. ސެކްސް އެޑިއުކޭޝަންގެ އެންމެ މުހިންމު ބޭނުމަކީވެސް އެއީކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް މިކަމާއި ދެކޮޅު ހައްދަވަމުން މަޝްހޫރު ލެކްޗަރާ ޒަމްޒަމް ފާރިޝް ވިދާޅުވީ ދެ ޖިންސު އެއްކޮށްގެން ކިޔަވައިދޭ ނިޒާމެއްގައި ސެކްސް އެޑިއުކޭޝަންނަކީ ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ އެތަނެއްގެ ހަލާކު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ސެކިއުލާ ޤައުމުތަކުން އެހެރީ އެކަން ފެންނަން. ވަރަށް ހެޔޮ ނިޔަތުގައި ކަމަށް ބުނެ ފެށި ސެކްސް އެޑިއުކޭޝަނުން ގޮސް އެއޮތީ ޖަނަވާރުންނާ އެކީ ޒިނޭ ކުރާ ހިސާބަށް ގޮއްސަ" ފާރިޝް ވިދާޅުވި އެވެ.ޔޫރަޕުގެ ގިނަ ގައުމުތަކުގައި އަދި އެމެރިކާގައި ސްކޫލު ދައުރުން ފެށިގެން ސެކްސް އެޑިއުކޭޝަން އުނގަންނައިދެ އެވެ. އެޗްއައިވީ ވައިރަސް ފެތުރުން އެންމެ ބޮޑަށް އާންމުވެފައިވާ އެފްރިކާގައިވެސް އެވައިރަސް ފެތުރުން ކޮންޓްރޯލްކޮށް ބައްޔަށް ހޭލުންތެރި ކުރުވުމަށް 21 ގައުމެއްގައި ވަނީ ސެކްސް އެޑިއުކޭޝަން އުނގަންނައިދޭން ފަށައިފަ އެވެ.






ކޮމެންޓް