ޚަބަރު ސިޔާސީ

އެއް އަހަރު ކުރިން ހުޅުވި އެމްބަސީ އަނެއްކާވެސް ހުޅުވަން ބޮޑު ހޭދައެއް ކުރުމުން ފާޑުކިޔައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޝާހިދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސެނެޓާ އަކާއި ބައްދަލު ކުރައްވަނީ

ފޮރިމީގެ އަހަރެއްހާ ދުވަސް ކުރިން އެމެރިކާގައި ހުޅުވި އެމްބަސީ ރަސްމީކޮށް ހުޅުވަން ކަމަށްބުނެ ދިވެހި ސަރުކާރުން ބޮޑު ހޭދައެއް ކޮށް ރަސްމިއްޔާތެއް ބޭއްވުމުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ފާޑު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ދިވެހި އެމްބަސީ ހުޅުވަން ރަސްމިއްޔާތެއް ބޭއްވީ އިއްޔެ އެވެ. މިރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމެރިކާގައި ތިއްބަވާ ރާއްޖޭގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން މި ދާއިރާއާއި އެއްވެސް ގުޅުމެއް ނެތް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުވެސް ބައިވެރިވި އެވެ.

މިކަމާއި ގުޅިގެން އެމްއެންޕީގެ ނައިބު ރައީސްކަންވެސް ކުރައްވާ ދުންޔާ ވިދާޅުވީ އެމްބަސީ މީގެ އެއް އަހަރު ކުރިން ހުޅުވާފައިވާ ކަމަށެވެ. އެހެންކަމުން ބޮޑު ހޭދައެއް ކޮށް ރަސްމިއްޔާތެއް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ދެން އޭނާ ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ދިވެހި އެމްބަސީތަކުގެ ބޭނުން ކުރާނީ ގައުމުގެ އިގުތިސޯދު ކުރިއަރުވައި އިންވެސްޓްމަންޓުތައް ގެނެސްދިނުމަށް ކަމަށެވެ. ދުންޔާ ގެންދަވަނީ އެމްއެންޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ނާޒިމަށް ކެމްޕެއިން ކޮށްދެއްވަމުންކަން ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގެ އެމްބަސީއެއް 2007 ވަނަ އަހަރު ވެސް އެމެރިކާގައި ހުޅުވި އެވެ. ނަމަވެސް އެމްބަސީއަށް ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުމުން 2008 ވަނަ އަހަރު އެމްބަސީ ވަނީ ބަންދުކޮށްފަ އެވެ. އޭގެ ފަހުން އެމްބަސީ އަލުން ހުޅުވީ މިދިޔަ 2022 ވަނަ އަހަރެވެ.

ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ނުހުރެ އެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުގައި ރާއްޖޭގައި އެމެެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމާފައިވާކަން އިއުލާން ކުރެއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!