ޚަބަރު އިޖުތިމާޢީ

އަންހެނުންނަށް ކުރިއެރުމެއް ނުލިބުނު، ތަފާތުކުރުން ރާއްޖޭގައި ބޮޑު: ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ނިމިދިޔަ 2022 ވަނަ އަހަރާއި އަޅާ ބަލާއިރު އަންހެނުންނާއި ފިރިހެނުން ތަފާތު ކުރާ މިންވަރުގައި ކުރިއެރުމެއް ލިބިފައިނުވާކަން ފާހަގަކޮށް، ދެޖިންސުގެ ހަމަހަމަކަން ގާއިމް ކުރުމުގެ ދުނިޔޭގެ ރޭންކިންގައި ދިވެހިރާއްޖެ 7 ދަރަޖަ ފަހަތަށް ޖެހިއްޖެ އެވެ.

Ads by STELCO

ބައިނަލްއަގުވާމީ ފޯރަމެއް ކަމަށްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ނެރުނު ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓުގައި ރާއްޖެ އޮތީ 0.649 ގެ ސްކޯއަކާއިއެކު 124 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 117 ވަނައިގަ އެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު ރާއްޖޭގެ ސްކޯ މިއަހަރު މައްޗަށް ދިޔަނަމަވެސް އެހެން ގައުމުތަކުން ހޯދި ކާމިޔާބީ ބޮޑުކަމުން ރާއްޖެ އޮތީ 7 ދަރަޖަ ފަހަތަށް ޖެހިފަ އެވެ.

މިސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ރާއްޖެ އޮތީ އޭޝިޔާ ގައުމުތަކުގެ 5 ވަނައިގަ އެވެ. އެއްވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. ރާއްޖެއާއި އެންމެ ގާތް ގުޅުމެއް އޮންނަ އިންޑިއާވެސް އޮތީ ރާއްޖެއަށްވުރެއް ފަހަތުގަ އެވެ.

ރާއްޖޭގައި އަންހެނުންނަށް އެންމެ ފުރުސަތު ކުޑަ ދާއިރާއެއްކަމަށް ފާހަގަކޮށްފައި އޮތީ ގާނޫނު ހަދާ މަޖިލީހެވެ. މަޖިލީހުގައި ފަސް ޕަސެންޓުވެސް އަންހެނުން ހިއްސާ ނުކުރާތީ ރާއްޖެއަށް ދިނީ އެންމެ ދަށް ދަރަޖަ އެވެ. މީގެ އިތުރުން ސިޔާސީ ދާއިރާގައި ޖިންސީ ތަފާތު ކުރުމުގެ ރޭންކިންއިން ރާއްޖެ އޮތީ 103 ވަނައިގަ އެވެ.

ޖިންސީ ތަފާތުކުރުން ނެތް ދާއިރާއެއްގެ ގޮތުގައި ރާއްޖެ ފާާހަގަކޮށްފައި އޮތީ ހަމައެކަނި ތައުލީމު އުނގެނުމުގެ ދާއިރާއިންނެވެ. މިދާއިރާއިން ރާއްޖެ އޮތީ ރޭންގިންގެ 91 ވަނައިގަ އެވެ. މީގެ އިތުރުން މިސަރަހައްދުގެ އެންމެ މަތީ ސްކޯ ރާއްޖެއަށް ލިބުނު ދާއިރާތަކުގެ ތެރޭގައި އިގްތިޞާދީ މަސައްކަތުގައި އަންހެނުންގެ ދައުރު އޮތް މިންވަރު ވަނީ ފާހަގަކޮށްފަ އެވެ.

މި ރިޕޯޓުގައި ވަނީ ޖިންސީ ހަމަހަމަކަން ގާއިމްކުރަން ރާއްޖެއިން ކުރާ މަސައްކަތުގެ ދުވެލި މަޑުކަން ފާހަގަކޮށްފަ އެވެ. އެގޮތުން 2006 ވަނަ އަހަރުން މިހާތަނަށް ރާއްޖެއިން ހޯދާފައިވަނީ 4.1 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ.

ދާދި ފަހުން އެމްޑީޕީން އަންހެނުންގެ ކުރިއެރުމަށް ވާނެ ވައުދުތައް ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލުމަށް ބޭއްވި ބައްދަލުވުމުގައި އެޕާޓީގެ އަންހެން ލީޑަޝިޕުން ވަނީ ސަރުކާރަށް އަންހެނުންނާ ފިރިހެނުންގެ ފަރަގު ނައްތައިލަން ގިނަ މަސައްކަތްތަކެއް ކޮށް ކުރިއެރުންތަކެއްވެސް ހޯދިފައިވާކަން ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް އެކަށީގެންވާ މިންވަރަކަށް މިމަސައްކަތް ކުރެވެމުން ނުދާކަން ޖެންޑާ ގެޕް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

  1. ރާއްޖޭގައި އިސްލާމް ދީނުގެ އަސްލުތަކާްއި ހިލާފުނުވާ ގޮތަށް އަންހެނުނަށް ނުލިބޭ ކުރިއެރުމެއް މިދިވެހިރާއްޖެން ދައްކާބަލަ ، އެމްއެންޑީއެފް ގައި އަންހެނުން ކުރިބޯށީގައި ފުލުހުން ޑޮކްޓަރުން ޓީޗަރުން ނަރުހުން ބަލާބަލަ ގިނަވާނީ ކަނބަލުން، ޖުޑިޝަރީ ސިވިލްސާވިސްގައި ގިނަވާނީ ކަނބަލުން !