އިސްރާއީލުގެ އާއްމުން ފަލަސްތީނުގެ މިސްކިތަކަށްވަދެ މުސްހަފްތައް ވީދައި އުކާލައިފި
އިސްރާއީލުގެ އާއްމުން ފަލަސްތީނުގެ މިސްކިތަކަށްވަދެ މިސްކިތައް ގެއްލުންދީ އެތަނުގައިވާ މުސްހަފްތައް ވީދާލައި އުކާލާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.
ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަގޮތުގައި އިސްރާއީލުގެ އާއްމުންގެ މީހުން ފަލަސްތީނުގެ މިސްކިތަކަށް ކުއްތާއެއް ހިފައިގެން ވަދެ މިސްކިތުގައި ހުރި ގުރުއާން ހަތިމްތައް ނަގައި އޭގެ ގަނޑުތައް ވީދައި ބައެއް ހަތިމްތައް ބިންމައްޗަށް އުކާލައި ގެއްލުން ދެއެވެ.
ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރިގަނެގެން އުޅޭ ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ސިފައިންނާއި އާއްމު ރައްޔިތުންވެސް ދަނީ ހުއްޓުމެއް ނެތި ފަލަސްތީނުގެ ނިކަމެތިންނާއި އެމީހުންގެ ގެދޮރާއި މުދަލަށް ގެއްލުން ދެމުންނެވެ.
އިސްރާއިލު ސިފައިން ފަލަސްތީނަށް އަރައިގަނެ ލާއިންސާނީ އަނިޔާދީ ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށް ގެދޮރު ބިމާހަމަކޮށްލާފައިވާއިރު މިއަހަރުގެ މިހާތަނަށް އިސްރާއިލުންވަނީ ފަލަސްތީނުގެ ކުށެއްނެތް 100 އަށް ވުރެ މީހުން ޝަހީދުކޮށްލާފައެވެ. އިސްރާއީލުގެ ސިފައިންގެ އިތުރުން އާއްމުންވެސް ދަނީ ފަލަސްތީނުގެ ރައްޔިތުންނާއި ރައްޔިތުންގެ މުދަލަށް އެތައް ގެއްލުމެއް ދެމުންކަން ފާހަގަކޮށްލެވެއެވެ.