ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމްގެ އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ތާވަލުކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރީގެ ރައީސް، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމްގެ އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުމެއް ބުދަ ދުވަހަކަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

Ads by STELCO

ދަޢުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިން ގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، ރައީސް ޔާމީން ވަނީ އެ ޝަރީޢަތް އަވަސްކޮށްދިނުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ. މި ޝަރީޢަތް އަވަސްކުރުމަށް އެދިވަޑައިގެންފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގަންނަވާނީ އެ ޙުކުމުން ސަލާމަތްވެގެން ކަމަށްވާތީއެވެ.

ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާއިރު، ޖިނާޢިު ދައުވާއެއް ސާބިތުވެފައި އޮތުމަކީ އެ ފުރުސަތު ގެއްލޭކަމަކަށްވާތީ، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮއްވައި، އެ މައްސަލައިގައި ވަކި ގޮތެއް ނިންމުމަށް އިދިކޮޅުން ޕީޕީއެމްއިންވެސް އަންނަނީ ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވައިލަމުންނެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮގަސްޓުމަހުގެ ތިން ވަނަ ދުވަހަށް ބަންދުވާއިރު، ރައީީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވުމަށް ހުރަސް އެޅުމަށް ސަރުކާރުން މަސައްކަތްކުރާކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އެގޮތުން ހައިކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނަންގަވާކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.

ނަމަވެސް ރައީީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން ޗުއްޓީ ނަންގަވާ ބޭފުޅާގެ ޗުއްޓީއަކީ މިދިޔަ އަހަރު ހަމަޖައްސާފައި އޮތް ޗުއްޓީއެއްކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މިހާރުވެސް ކްރިމިނަލް ކޯޓުގައި ހިނގަމުންދެއެވެ.

މި މައްސަލައިގައި ދެން ދައުވާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް އަދި މއ. ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާގެ މައްޗަށެވެ.

ފުއްގިރި މައްސަލައިގައި ދައުވާކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެއެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމައަށް ތާވަލުކޮށްފައިވާއިރު، މި މަހުގެ 6، 9، 11 އަދި 13 ވަނަ ދުވަހަށްވެސް އިތުރު އަޑުއެހުންތަކެއް ތާވަލުކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!