ޚަބަރު ސިއްޙަތު

ސަމާލުވޭ! އައްޑޫ ސިޓީގައި ޑެންގީ ހުން އިތުރުވަމުންދަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ސިޓީގައި ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް) އިން އިލްތިމާސްކޮށްފިއެވެ.

Ads by STELCO

އެ ހޮސްޕިޓަލުން ބުނީ މި ދުވަސްވަރަކީ ވިއްސާރަ މޫސުމަކަށް ވެފައި، އެކަމާ ގުޅިގެން ޑެންގީ ހުން ޖެހޭ މިންވަރު ދަނީ އިތުރުވަމުންކަމަށެވެ. އަދި މި ކަމަކީ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަމަށާއި ޑެންގީ ހުމުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅުތައް އަޅައި މަދިރި މަދުކުރުމަށް ހުރިހާ މީހުންވެސް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ޑެންގީ ހުން މިހާރަށްވުރެ އިތުރަށް ފެތުރިގެން ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

ޑެންގީ ހުމުން ސަލާމަތްވެތިބުމަށްޓަކައި ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެ ފަދަ ތަކެތި ނައްތާލުމަށާއި، މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރެވިދާނެކަމަށް އޭއީއެޗްއިން ބުނެފައިވެއެވެ.

މީގެ އިތުރުން މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރުއަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެއެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި، ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައާއި ލޮލުގައި ރިއްސުމާއި އަދި ހަމުގައި ކުދި ބިހިތައް ނެގުން ހިމެނެއެވެ. މި ބައްޔަކީ ފުރާނައަށްވެސް ނުރައްކާވާވަރުގެ ބައްޔަކަށްވާތީ ސަމާލުވާންޖެހޭ ބައެއްކަންތައް އޭއީއެޗްއިންވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، ހުން އަންނަނަމަ ހުން ތިރިކުރުމަށްޓަކައި ޕެރެސެޓެމޯލް ނުވަތަ ޕެނެޑޯލް ބޭނުންނުކުރުމަށާއި 3 ދުވަހަށްވުރެ ގިނަ ދުވަހު ހުން ތިރިނުވެ ދިގުލައިގެންގޮސްފިނަމަ ވީހާވެސް އަވަހަށް ސިއްޙީދާއިރާގެ އެހީތެރިއެއްގެ ލަފާހޯދައި، ގިނަގިނައިން ދިޔާތަކެތި ބޭނުންކޮށް އަރާމުކުރުމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މީގެ އިތުރުން، ކުޑަކަމުދެވޭ މިންވަރު މަދުވެ ނުވަތަ އާދަޔާ ޚިލާފަށް ގައިގައި ވަރުދެރަވެ ނުވަތަ ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައިސްފިނަމަ، ލަސްނުކޮށް ޞިއްޙީއެހީތެރިއެއްގެ ލަފާހޯދުމަށް އޭއީއެޗް އިން އިލްތިމާސްކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!