ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލު ނުކުރާހާ ހިނދަކު އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެ: ފުއާދު
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް ބާޠިލް ނުކުރާހާ ހިނދަކު، އެމަނިކުފާނަށް ކުރިއަށްއިތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ (އީސީގެ) ރައީސް ފުއާދު ތަޢުފީޤް ވިދާޅުވެއްޖެއެވެ.
ފުޢާދު މިހެން ވިދާޅުވީ އޮންލައިން ނޫހަކުން ކުރިއަށްގެންދާ ޝޯއެއްގައި ވާހަކަ ދައްކަވަމުންނެވެ. ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވައިލާފައި އޮތް މުއްދަތުގެ ތެރޭގައި ރައީސް ޔާމީންގެ ޙުކުމް ބާޠިލުކޮށްފިނަމަ އެމަނިކުފާނުގެ ކެންޑިޑޭސީ ކޮމިޝަނުން ބަލައިގަންނާނެކަމަށެވެ.
[ޖަލުހުކުމް] ބާޠިލު ނުކުރާހާ ހިނދަކު ވާދައެއް ނުކުރެއްވޭނެ. ކެންޑިޑޭސީ ބަލައެއް ނުގަންނާނެ. [ފޯމު] ސަބްމިޓް ކުރެއްވިދާނެ އެކަމަކު އަޅުގަނޑުމެން [އެ ކެންޑިޑޭސީ] ބަލައެއް ނުގަންނާނެ. ޙުކުމް ބާތިލުކޮށްފިއްޔާ ހަމަ ޖެހިގެން އަންނަ ދުވަހު ވެސް އަޅުގަނޑުމެންނަށް [ކެންޑިޑޭސީ] ބަލައިގަނެވޭނެ،" ފުއާދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޕާޓީއަކުން ދިން އެންމެ ފުރަތަމަ ޓިކެޓު ޕީޕީއެމް/ޕީއެންސީން ވަނީ ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވައިފައެވެ.
އަދި އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން މިހާރުވެސް ކުރިއަށްދާއިރު، ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ލީޑަރުން ޤަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ޙުކުމް ބާޠިލުކުރާނެއެވެ. އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ފަހަނައަޅައިނުދަނީސް، އިސްތިއުނާފުގެ ޝަރީޢަތް ނިމޭނެކަމަށްވެސް އެ ބޭފުޅުން އުއްމީދުކުރައްވައެވެ.
ޕީޕީއެމް/ޕީއެންސީން ބުނަމުން އަންނަނީ ރައީީސް ޔާމީންގެ ކެންޑިޑޭސީ އީސީން ބަލައިނުގެންފި ނަމަ ކޯޓަށް ދާނެ ކަމަށެވެ. ފުއާދު ވިދާޅުވި ގޮތުގައި އަދި ޤާނޫނުގައި ވެސް އޮތް ގޮތުން، އެގޮތަށް ކޯޓަށް ދިއުމުން ކޯޓުން އަންގައިފިނަމަ، އީސީއަށް ޖެހޭނީ ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިގަންނާށެވެ.