އަދީބު ސިންގަޕޫރަށް ފުރައިފި

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސިއްހީ ފަރުވާއަކަށް މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ނާރުގެ ސީރިއަސް ބައްޔަކަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ކަރެކްޝަންސް އިން ހުއްދަ ދިނީ ރާއްޖޭގައި ފަރުވާ ދެވެން ނެތް ބަޔަކަށް ފަރުވާ ހޯދުމަށެވެ. އަދީބު ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 10 ދުވަހަށެވެ.
އެމްޓީޑީން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 އިން 2018 އަށް އަދީބަށް ނުހައްގުން އަނިޔާދީ، ބޭސްފަރުވާ އަށް ހުރަސް އަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިޔާސީ ފިކުރަށް ބެލުމެއްނެތި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއް،" އެމްޓީޑީން ބުނެފައިވެ އެވެ.
އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެ އެވެ.
ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާއިރު ރާއްޖޭން ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އޮގަސްޓް އެކެއް، 2019 ވަނަ ދުވަހު އަދީބު ވަނީ ހައްޔަރުކޮށްފައެވެ.