މި ހުންނެވީ ރަނގަޅު ފަޅީގައި ކަމަށާއި، މިއީ ފަނާކުރަނިވި ނިންމުންތަކާއި ފިތުނަވެރި މަހަލްއެއް ނޫންކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއިން މ އަދި ވ އަތޮޅަށް، ރައީސް ޞާލިޙް އަރިހުގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. ދިއްގަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޙިސާން ވިދާޅުވީ މިހާރު އެކަމަނާ ހުންނެވީ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދޭ ފަޅީގައިކަމަށެވެ.
އެގޮތުން، މިހާރު މިހުރީ ރަނގަޅު ފަޅީގައި ކަމަށާއި މި ފަޅިއަކީ ފަނާކުރަނިވި ނިންމުންތަކާއި ފިތުނަވެރި މަހަލްއެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ. އަދި މީގެ ފަސް އަހަރުކުރިންވެސް، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދޭން ބޭނުން ނަމަ ރައީސް ޞާލިޙަށް ވޯޓު ދެއްވުމަށް ދެންނެވި ކަމަށާއި އެގޮތުން ފަސް އަހަރު ފަހުން މިހާރު ހުއްޓި ތިބީ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަށްފަހު ކަމަށެވެ.
"އަޅުގަނޑަށް ޔަގީން ކަށަވަރު ވަނީ އަޅުގަނޑު މިހިރީ ދިވެހި ރައްޔިތުންގެ އުއްމީދުތަކުގެ ކުލަޖައްސައިދޭނެ ތަނުގައިކަން. އަޅުގަނޑު މިހިރީ އުފާވެރި އަމާން ރާއްޖެއެއް ދިވެހި ރައްޔިތުންނަށް ގެނެސްދޭނެ ތަނުގައިކަން،" ހިސާން ވިދާޅުވި އެވެ.
ރައީސް ޞާލިޙަކީ ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެނަމަ، އެކަމެއް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކެންޑިޑޭޓެއްކަމަށް އެމަނިކުފާނުގެ އަމަލުން މިދިޔަ 5 އަހަރު ސާބިތުކޮށްދެއްވާފައިވާ ކަން ފާހަގަކުރައްވަމުން ޙިސާން ވިދާޅުވީ، ވޭތުވެދިޔަ 5 އަހަރު ބޮޑެތި މަޝްރޫއުތައް މުޅި ރާއްޖޭގެ ތަރައްޤީއަށް އަމާޒުކޮށް، ބަހާލުމުގެ ސިޔާސަތުގެ ބިންގާ އެޅި އޭގެ އަމަލީ މަސައްކަތް ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށާއި އެކަން ކުރި އިރު، ވެރިކަން ކުރާ ރަށަށް ވަކި އިސްކަމެއް ދެއްވާފައިނުވާކަމަށްވެސް ޙިސާންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.