ބޮލީވުޑް މުނިފޫހިފިލުވުން

ޕަޓާންއިން ލިބުނު އާމްދަނީ އޮޅުންފިލުވަން ކާޖޮލް ބޭނުންވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޝާހުރުކް ހާން އަދި ކާޖޮލް

މިއަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރި ކާމިޔާބު ފިލްމު "ޕަޓާން" އިން ލިބުނު އާމްދަނީ އާއި ގުޅޭގޮތުން އެކްޓަރު ޝާހުރުކް ހާން ކައިރިން ސުވާލު ކުރަން ބޭނުންވާކަމަށް ބަތަލާ ކާޖޮލް ބުނެފި އެވެ.

Ads by MWSC

"ޕަޓާން" އަކީ ބޮލީވުޑްގެ ގިނަ ރެކޯޑުތަކެއް މުގުރާލައި ބޮޑު އާމްދަނީއެއް ހޯދި ފިލްމެއްގެ ގޮތުގައި ވަނީ ރެކޯޑު ކުރެވިފަ އެވެ. ހިންދީ ފިލްމުތަކުގެ ބަދަލުގައި ސައުތު އިންޑިއާގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ދަނޑިވަޅެއްގައި "ޕަޓާން" ރިލީޒްކޮށް އެފިލްމުން ވަނީ "ޕުޝްޕާ" އަދި "ކޭޖީއެފް" ފަދަ ފިލްމުތަކަށްވުރެއް ކުރި ހޯދައިފަ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝާހުއާއި ސުވާލެއް ކުރާނަމަ ކުރާނީ ކޮން ސުވާލެއްތޯ ކާޖޮލް ކައިރީގައި އެހި އެވެ. ޖަވާބުގައި ކާޖޮލް ބުނީ "ޕަޓާން" އިން ލިބުނު އާމްދަނީއާއި ގުޅޭގޮތުން ސުވާލު ކުރަން ބޭނުންވާ ކަމަށެވެ.

މިއާއިއެކު ކާޖޮލްއަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ޝާހުގެ ބައެއް ފޭނުން ބުނެފައިވަނީ "ޕަޓާން" ގެ ކާމިޔާބީއާއިމެދު ކާޖޮލް ސުވާލު އުފައްދަނީ ކަމަށެވެ. "ޕަޓާން" އިން 130 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނުކަމަށް ރެކޯޑުތަކުން ދައްކަ އެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ވަނީ މިއީ ދޮގު މައުލޫމާތެއްކަމަށް ތުހުމަތު ކޮށްފަ އެވެ. ޝާހުގެ ފޭނުން ބުނާ ގޮތުގައި ކާޖޮލްވެސް މި އިޝާރާތް ކުރީ މިކަމަށެވެ.

އެހެންނަމަވެސް ކާޖޮލްގެ ފޭނުން ވަނީ އޭނާ ދިފާއު ކޮށްފަ އެވެ. އެމީހުން ބުނަނީ "ޕަޓާން" އިން ލިބުނު އަސްލު އާމްދަނީ 130 މިލިއަން ޑޮލަރަށްވުރެއް ބޮޑުވާނެކަން ކާޖޮލްއަށް އެނގޭނެ ކަމަށެވެ. އެހެންވެ އަސްލު އަދަދު އޮޅުންފިލުވައި ފިލްމުގެ އަސްލު ކާމިޔާބީގެ ވާހަކަ ކާޖޮލް ފާހަގަކުރީ ކަމަށް އެމީހުން ދެކެ އެވެ.

ކާޖޮލްއާއި ޝާހު އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އޮން ސްކްރީން ޖޯޑެވެ. މި ދެތަރިންގެ ގިނަ ފިލްމުތަކެއް ނުވަދިހައިގެ އަހަރުތަކުން ފެށިގެން ވަނީ ރިލީޒްކޮށްފަ އެވެ. ބައެއް ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ޚުޝީ ކަބީ ގަމް"، "ބާޒީގަރު"، "ދިލްވާލޭ ދުލްހަނިޔާ ލޭޖާއެންގޭ" ހިމެނެ އެވެ. ދެތަރިން އެންމެ ފަހުން އެކީގައި ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި "ދިލްވާލޭ" އިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!