ބޮލީވުޑް މުނިފޫހިފިލުވުން

ބޮލީވުޑްގެ ސްޕައި ޔުނިވާސްގައި ރަންބީރުގެ ލޯބިވެރިން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކެޓްރީނާ ކައިފް، ދީޕިކާ ޕަދުކޯން، އާލިއާ ބަޓް

ބޮލީވުޑް ފިލްމު އުފައްދާ ކުންފުނި، ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން ސްޕައި ޔުނިވާސްއެއް އުފައްދަމުން ދާއިރު އޭގައި ތިބީ އެކްޓަރު ރަންބީރު ކަޕޫރުގެ ލޯބިވެރިންނެވެ.

Ads by Sosun Fihaara

ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ ހަތަރު ފިލްމެއް މިހާތަނަށް ވަނީ ނެރެފަ އެވެ. އެއީ "ޓައިގާ"، "ޓައިގާ ޒިންދާހޭ"، "ވޯ" ގެ އިތުރުން މިއަހަރު ރިލީޒް ކުރި "ޕަޓާން" އެވެ. މިއަހަރު މި ޔުނިވާސްގެ އިތުރު ފިލްމެއް އަދި އަންނާނެ އެވެ. އެއީ "ޓައިގާ 3" އެވެ.

މި ޔުނިވާސްގެ ކެރެކްޓާތަކަށް ބަލާއިރު ޓައިގާގެ ރޯލު ކުޅެފައިވަނީ ސަލްމާން ހާން އެވެ. "ވޯ" ގައި ކަބީރުގެ ރޯލު ކުޅެފައިވަނީ ރިތިކު ރޯޝަން އެވެ. އަދި ޕަޓާންގެ ރޯލު ކުޅެނީ ޝާހުރުކް ހާން އެވެ.

އަންހެން ތަރިންނަށް ބަލާއިރު ޓައިގާގެ ލޯބިވެރިޔާ ޒޯޔާގެ ރޯލު ކުޅެނީ ކެޓްރީނާ ކައިފް އެވެ. ރިތިކު ކުޅޭ ކަބީރުގެ ލޯބިވެރިޔާ މި ޔުނިވާސްގައި އިތުރަށް ނުފެންނާނެ އެވެ. ޕަޓާންގެ ލޯބިވެރިޔާ ރޫބީނާގެ ރޯލުން ފެނިފައިވަނީ ދިޕިކާ ޕަދުކޯން އެވެ.

ކެޓްރީނާ އާއި ދިޕިކާ އަކީ ރަންބީރުގެ ކުރީގެ ދެ ލޯބިވެރިންނެވެ. މި ދެމީހުންނާއި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަކިވުމުން އެވާހަކަތައް މީޑިއާތަކުގެ ފަލަ ސުރުހީތަކަށްވެސް އެރި އެވެ.

ވައިއާރުއެފްއިން ދަނީ އަލަށް އަންހެނަކު ލީޑު ކުރާނެ ސްޕައި ފިލްމެއްވެސް އުފައްދަން ތައްޔާރުވަމުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭގެން ފެންނާނީ ބަތަލާ އާލިއާ ބަޓް އެވެ. އާލިއާ އަކީ ރަންބީރުގެ އަންހެނުންނެވެ.

ރަންބީރުގެ ހުރިހާ ލޯބިވެރިން ވައިއާރުއެފްގެ ސްޕައި ޔުނިވާސްގައި ފެންނާތީ ސޯޝަލް މީޑިއާގައި ދަނީ މީމްސް ހަދައި ޖޯކު ޖަހަމުންނެވެ. ބައެއް މީހުން ދަނީ ރަންބީރުގެ ފުރަތަމަ ލޯބިވެރިޔާ ސޯނަމް ކަޕޫރާއި އޭގެ ފަހުން ގުޅުނު ޕްރިޔަންކާ ޗޯޕްރާވެސް މި ޔުނިވާސްއަށް ގެންނަން ގޮވަމުންނެވެ. މިކަން ސަޕޯޓަރުންނަށް ވީ ވަރަށް މަޖާ ކަމަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!