ފައިލްތައް ނުދެއްކުމުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުކުރައްވަން ފުރުޞަތެއް ނުލިބުނު
މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލުން އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް މާފުށި ޖަލަށް ވަޑައިގަތުމުން، ކަރެކްޝަނަލް ސާވިސްއިން އެ ފުރުސަތު ނުދީ އަނބުރާ ފޮނުވާލައިފިއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ރައީސް ޔާމީނުގެ ވަކީލުން އަނބުރާ ފޮނުވާލާފައިވަނީ، އެބޭފުޅުން ގެންދެވި ފައިލްތައް ކަރެކްޝަނަލް ސާވިސްއަށް ނުދެއްކުމުންނެވެ.
މިކަމާ ގުޅިގެން ރައީސް ޔާމީނުގެ ވަކީލުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، ޕީޕީއެމްގެ ތަރުޖަމާން، ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ޔާމީންއާ ބައްދަލުކުރަން ވަކީލުންނަށް މިއަދު އޮތީ ވަގުތު ދީފައި ކަަމަށާއި އެކަމަކު މާފުއްޓަށް ވަކީލުން ވަޑައިގަތް ފަހުން އެ ބައްދަލުވުން ކުރިއަށް ގެންދަން ހުރަސްއަޅާފައިވާ ކަމަށެވެ.
ޕީޕީއެމުން ތުހުމަތު ކުރި ގޮތުގައި މިކަން މިހެން ހިނގާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އެންގެވުމަށެވެ.
"މިނިސްޓަރު އިމްރާންގެ އެންގެވުމަށް، ބައްދަލުވުމަށް ހުރަސްއަޅައި ރައީސް ޔާމީންއާ ލޯޔަރުންނަށް ބައްދަލުކުރުމުގެ ފުރުސަތު ދީފައި ނުވާތީ އެކަން ހަރުކަށިކޮށް ކުށްވެރިކުރަން،" ހީނާގެ މެސެޖުގައި ވެ އެވެ.
އޮންލައިން ނޫހަކަށް މައުލޫމާތުދެއްވަމުން ކަރެކްޝަނަލް ސަރވިސްއިން ބުނީ، ޖަލަށް އެއްވެސް އެއްޗެއް ވެއްދޭނީ ޗެކްކޮށްފައި ކަމަށާއި ރައީސް ޔާމީންގެ ވަކީލުންނަށް މިއަދު އެ މަނިކުފާނާ ބައްދަލުނުކުރެވުނީ ޖަލަށް ވައްދަން އުޅުނު ބައެއް ތަކެތި ދައްކަން ދެކޮޅު ހެދުމުން ކަމަށެވެ. އަދި ގައިދީންނާ ބައްދަލުކުރަން ދާ ގާނޫނީ ވަކީލުން ޖަލަށް ވައްދަނީ އެ ގައިދީއެއްގެ މައްސަލައާ ގުޅޭ ލިޔުންތައް ތޯ ޖަލު އޮފިސަރުން އަބަދުވެސް ބަލާ ކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވެއެވެ.
ރައީސް ޔާމީނު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ދިޔަނަމަވެސް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެ މަނިކުފާނުގެ ފޯމު އިލެކްޝަންސަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން އޮތީ ބުނެފަ އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 7 އަށް ވަނީ ހުޅުވާލައިފަ އެވެ.
ޖަމީލ އިސްވ ހުރ ޔާމީނަށ ގަސްތުގައ ދ ލަނޑު