ބޮލީވުޑް މުނިފޫހިފިލުވުން

ފިލްމު އެޅުވުމުގެ ކުރިން 90 އިންސައްތަ އިންވެސްޓުމެންޓު ލިބިއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރޮކީ އޯރު ރާނީގެ މަންޒަރެއްގައި ރަންވީރު އަދި އާލިއާ

ކަރަން ޖޯހަރު ޑައިރެކްޓުކޮށް މިމަހު 28 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ކުރި އިންވެސްޓުމެންޓުގެ 90 އިންސައްތަ ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

Ads by STELCO

އާލިއާ ބަޓް އަދި ރަންވީރު ސިންގް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ފެމިލީ ޑްރާމާ އެކެވެ. މިއީ 12 އަހަރަށްފަހު ކަރަން ޑައިރެކްޓު ކުރާ ފިލްމެވެ. އެއާއެކު ބެލުންތެރިން ދަނީ މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

މުޅިން އަލަށް ކަރަންގެ ފިލްމެއް އިންޑިއާގައި އެކަނި މިވަނީ ޝޫޓުކޮށް ނިންމާލައިފައެވެ. މީގެ ކުރިން އޭނާގެ ފިލްމުތަކުގެ ބައިތައް ބޭރު ގައުމުތަކުގައި އަބަދުވެސް ޝޫޓު ކުރެ އެވެ. ރޮކީ އޯރު ރާނީ އިންޑިއާގައި ޝޫޓު ކުރުމުން އޭގެ ހަރަދު ވަރަށް ކުޑަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މިފިލްމަށް ޖުމްލަ އިންވެސްޓު ކުރީ 178 ކްރޯރް ރުޕީސްއެވެ.

ފިލްމުގެ މިޔުޒިކް ރައިޓްސްއާއި ސެޓެލައިޓް ރައިޓްސް ވިއްކައިގެން 161 ކްރޯރް ރުޕީސް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އިންވެސްޓުމެންޓުގެ 90 އިންސައްތައެވެ.

ކަރަން އަކީ މޮޅު ފިލްމު އުފެއްދުންތެރި އެކެވެ. އެހެންނަމަވެސް އެއަށްވުރެއް ބޮޑަށް އޭނާއަކީ މޮޅު މާކެޓިން ގުރޫ އެކެވެ. ރޮކީ އޯރު ރާނީ ވެގެން ގޮސްފައިވަނީ މިއަހަރު އެންމެ ބޮޑަށް ޕްރޮމޯޓު ކުރާ އެއް ފިލްމަށް ވެފައެވެ.

މިހާތަނަށް އައިއިރު މިފިލްމު އެއްވެސް އޯޓީޓީ ޕްލެޓްފޯމަކަށް ވިއްކައިލިކަމުގެ ރިޕޯޓެއް ފެންމަތިވެފައެއް ނުވެއެވެ. މިއީވެސް ބޮޑު އާމްދަނީއެއް ހޯދޭނެ ކަމެކެވެ.

ކަރަން ދަނީ ފިލްމުގެ ލީޑު ދެތަރިންނާއިއެކު އިންޑިއާގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ފިލްމު ޕްރޮމޯޓު ކުރަމުންނެވެ. ފިލްމުގެ ތިން ލަވައެއް މިހާރު ރިލީޒްކޮށްފައިވާއިރު މިއަދު ހަތަރުވަނަ ލަވަ ރިލީޒް ކުރާނެ އެވެ. ޔޫޓިއުބުގައި މިހާރު އެންމެ ޓްރެންޑިންގް ލަވަތަކުގެ ތެރޭގައި ރޮކީ އޯރު ރާނީގެ ލަވަތައް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!