އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު އެމަގާމުން ވަކިކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާާލިހް ކުރައްވާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަން މުވައްސަސާއެއްގައި މިވަގުތު ހުރި އެންމެ ގިނަ ބަޔަކުގެ އިތުބާރާ އިހުތިރާމް ލިބިފައިވާ ފަރާތަކީ އީސީގެ ރައީސްކަމަށެވެ.
"މިނިވަން މުވައްސަސާތަކުގެ އިތުބާރު ވަރަށް ދަށް ކަމަށް ސާވޭތަކުން ދައްކާއިރު، މިނިވަން މުވައްސަސާ އެއްގައި މިވަގުތު ހުރި އެންމެ ގިނަ ބަޔަކުގެ އިތުބާރާ އިހުތިރާމް ލިބިފައިވާ އީސީގެ ރައީސް ފުވާދު ތައުފީގު ރިޔާސީ އިންތިޚާބާ ދިމާކޮށް ވަކިކުރަން ރައީސް ޞާލިހް އެކުރައްވާ މަސައްކަތް ހުއްޓުވަންޖެހޭ" ވައްޑޭ ވިދާޅުވިއެވެ.
ވައްޑޭ މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ކޮމިޝަނަށް ވައްދައި، އެކަން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ފުވާދުގެ އިތުބާރު ނެތްކަމަށް ފާސްކުރީ ކޮމިޝަންގެ ތިއްބަވާ 5 މެމްބަރުންގެ ތެރެއިން 3 މެމެމްބަރުންގެ ތާއީދާއިއެކުގައެވެ.
މިކަމާއި ގުޅިގެން ފުވާދު ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި އޭނާއާ މެދު މެމްބަރުން ހިތްހަމަނުޖެހިގެން އުޅެނީ ބައެއް ކަންކަން ދިގުދަންމަން ބޭނުންވިޔަސް އެ ފުރުސަތު ނުދެއްވާތީ ކަމަށް ފުވާދު ވިދާޅުވިއެވެ.
މީގެ އިތުރުން މި ދަނޑިވަޅުގައި އެކަން ކުރެއްވީ ޕްރެޝަރު ކުރުވަން ކަަމަށާއި މަޤާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
2008ގަވެސް ފުވާދާ ސާބެއާ ދެމީހުން ވޯޓުއޮޅުވާލި ކަމުގެ އަޑުތަކެއް އަރާފަވަނީ ކަނޑައެޅިގެން ކެނެރީގޭ ނަޝީދުގެ އަންބޮނޑި ބޮޑު ކޮށްދޭން މަސައްކަތް ކުރާމީހެއް ފުވާދަކީ.