ޚަބަރު ސިޔާސީ

ދިވެހިން ހިފަހައްޓައިގެން ތިބީ، އަމިއްލަވަންތަކަން ދިފާޢުކުރުމަށް އެހައި ފަސޭހަ އުޞޫލުތަކެއްނޫން: ނާޒިމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދިވެހިން ހިފަހައްޓައިގެން ތިބީ، އަމިއްލަވަންތަކަން ދިފާޢުކުރުމަށް އެހައި ފަސޭހަ އުޞޫލުތަކެއްނޫން ކަމަށާއި ނަތީޖާ އަކަށްވެފައިވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިންނަށް ފިއްތުންތަކެއް ކުރިމަތިވެގެން ދިޔުން ކަމަށް  މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި ދެއްވި ޚިޠާބުގައެވެ. މި ހިޠާބުގައި ނާޒިމް ވިދާޅުވީ އަމިއްލަވަންތަކަން ދިފާޢުކުރުމަށް ދިވެހިން ހިފައިގެން ތިބި އުސޫލުތަކުގެ ތެރޭގައި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް، ދިވެހިން ނިންމާފައިވާ ނިންމުން ހިމެނޭ ކަމަށާއި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމާއި، ދިވެހިރާއްޖޭގައި އިސްލާމްދީނާ ޚިލާފުއެއްވެސް ޤާނޫނެއް ނެހެދޭނޭކަމުގައި ކަނޑައަޅައި ޤަނޫނުއަސާސީގައި ލިޔެގެން ތިބި ނިންމުންވެސް ހިމެނޭ ކަމަށް ނާޒިމް ވިދާޅުވީއެވެ.

"ނަތީޖާއަކަށްވެފައިވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިންނަށް ފިއްތުންތަކެއް ކުރިމަތިވެގެން ދިޔުން. ދީނީ މިނިވަންކަމާއި، އެއްޖިންސުން ކައިވެނިކުރުން ފަދަ ކަންކަމަށް ޖާގަހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ އަސަރު ރާއްޖެއަށް ކުރަމުންދިޔުން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިއަދު  މަސައްކަތް ކުރަމުން މިދަނީ، މިފަދަ ކަންކަމަކީ އަސާސީ ޙައްޤުކަމުގައި ކަނޑައަޅާފައިވާ ދުނިޔެއެއްގައި ކަމަށާއި އަދި އިސްލާމްދީނާއި ކީރިތި ރަސޫލާއާ ދެކޮޅު ޙަރަކާތްތައް ރޭވިގެން ހިނގާ ދުނިޔެއެއްގައި ކަމަށެވެ. އެހެންކަމުން މިކަންކަމަށް ވަކާލާތުކުރަނީ ދުނިޔޭގެ ބޮޑެތި އަދި ބާރުގަދަ ޤައުމުތަކަށް ވުމުން ނަތީޖާއަކަށްވެފައިވަނީ ކުދި އަދި ފަޤީރުޤައުމުތަކަށް ދެވޭ އެހީގެ މިންވަރުތައްވެސް މިކަންކަމުގެ މައްޗަށް ކަނޑައެޅިގެން ދިޔުން ކަމަށެވެ. އަދި ކުދި ޤައުމުގެތަކުގެ ވިޔަފާރިއާއި، އުފެއްދުންތަކަށް ބޮޑެތި ޤައުމުތަކުގެ ބާޒާރަށް ބަލައިގަތުމުގެ ފަސޭހަކަމާއި އަގުތައްވެސް އެކަންކަމުގެ މައްޗަށް ކަނޑައެޅިގެން ދިޔުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެހެންކަމުން، ދިވެހިންގެ އިސްލާމީ ވަޙްދަތާއި ޤައުމިއްޔަތުގެ ބަހާތައް އަދި ދިވެހިން ޤަބޫލުކުރާ އުޞޫލުތައް މިގޮތަށް ހިފެހެއްޓުމަށްޓަކައި، ދިވެހިން ވަރުގަދަ ނިންމުންތަކެއް ނިންމަންޖެހޭ. ދިވެހިންނަކީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފައިވާ ބަޔަކަށް ވާންޖެހޭ. ފުރިހަމަ މާނައިގައި އިޤްތިޞާދީ މިނިވަންކަން ހޯދަންޖެހޭނެ. ދިފާޢީ އަދި ޚާރިޖީ ގުޅުންތަކުގެ ޙާލަތު ބަދަލުކޮށް، ދިވެހި މުއައްސަސާތަކުން ޙަވާލުވާންޖެހޭނެ." ނާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ވަޒީފާގެ ބާޒާރާއި، ޤައުމުގެ މުއްސަނދިކަން ދިވެހިންގެ އަތްމައްޗަށް ގެނެސް ދިވެހިންގެ ނިންމުންތައް ނިންމާނީ ދިވެހިން ކަމުގައި ހަދަންޖެހޭ ކަމަށާއި ޖިއޮ ޕޮލިޓިކްސްގައި ރާއްޖެ މިއޮތް ސަރަޙައްދުގެ ފުރިހަމަ ބޭނުންހިފައި ރާއްޖޭގެ ކަނޑާއި ބިން އަދި ވައިގެ ސަރަޙައްދުތައް ދިވެހި އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށަށް ގެންނަންޖެހޭ ކަމަށެވެ.

އަދި ދިވެހި ވެރިކަމުގެ ކޮއިލު ޙަވާލުކުރާނޭ ބަޔަކު ނިންމާނީ ބޭރުގެ ބައެއްގެ އިރުޝާދުގެ މައްޗަށް ނޫންކަމުގައި ޔަޤީންކުރަންވެސް ޖެހޭ ކަމަށާއި އެންމެ ފުރިހަމަ މާނައިގައި ދިވެހި ޤައުމާ ދިވެހިން ޙަވާލުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!