ޚަބަރު ސިޔާސީ

މިނިވަން ދުވަސް: ގާސިމްގެ ހުރިހާ ޝުކުރެއް ރައީސް ނާސިރަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދު ފާހަގަ ކުރަމުންދާ 58 ވަނަ މިނިވަން ދުވަހުގެ ހުރިހާ ޝުކުރެއް ހައްގު ވަނީ ކުރީގެ ރައީސް އިބްރާހީމް ނާސިރަށް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިނިވަން ދުވަހުގެ މުނާސަބާގައި ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ދިން އޯޑިއޯ ސްޕީޗުގައި ގާސިމް ވިދާޅުވި ރައީސް ނާސިރު ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށްފަހު ކަންކަން ފަށަން ޖެހުނީ ސުމަކުން ކަމަށެވެ.

"އެމަނިކުފާނަކީ ގައުމުގެ އިގްތިސާދު ސުމަކުންފަށައިގެން ފަތުރުވެރިކަމާއި މަސްވެރިކަމާއި އެއީ ގައުމު އިގްތިސާދުގެ މައި ދެ ތަނބުގެ ގޮތުގައި ތަރައްގީ ކުރެއްވި ބޭފުޅާވެސްމެ" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ދިވެހިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ވެސް އެމަނިކުފާނު ވަނީ ގިނަ ހިދުމަތްތަކެއް ފޯރުކޮށް ދީފައިކަމަށެވެ. އަދި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ދިވެހިންނަށް ހޯދައިދެއްވީވެސް އެމަނިކުފާނު ކަމަށް ގާސިމް ފާހަގަ ކުރެއްވިއެވެ.

"މިގޮތުން ގައުމުގެ ފަހުރުކަމުގައި މިދެކޭ ވެލާނާ ވައިގެ ބަނދަރުގެ ހަގީގީ މޭސްތިރިއަކީވެސް އެމަނިކުފާނު" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ދިވެހިރާއްޖެ މިއަދު މިދެކޭ ތަރައްގީގެ އޮއިވަރު ފައްޓަވައިދެއްވި ދިވެހިރާއްޖޭގެ ޒަމާނީ ތަރައްގީގެ ބިންގާ ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހިންގެ މިނިވަންކަމުގެ ބާނީ ކަމަށް ގާސިމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!