ސަރުކާރު އޮތީ ސިއްހީ ދާއިރާގެ ވިޔަފާރި ކުރާ މީހުންގެވެސް ދަށުވެފައި:އަލީ ހުސައިން

ސަރުކާރު އޮތީ ސިއްހީ ދާއިރާގެ ވިޔަފާރި ކުރާ މީހުންގެވެސް ދަށުވެފައި ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށާއި ސަރުކާރަށް, ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސައިން ފާޑުވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ސަރުކާރަށް ފާޑުވިދާޅުވީ ފެންވަރުދަށް ބޭހާއި ބެހޭ ގޮތުން ނޫހެއްގައި ލިޔެފައިވާ އާޓިކަލް އެއް ޓްވިޓާގައި ހިއްސާ ކުރައްވަމުންނެވެ.
"ބޭހުގެ ކޮންޓްރޯލު ނުކުރެވުނު ސަރުކާރަކަށް ބޭހުގެ ފެންވަރުވެސް ޔަގީނެއް ނުކުރެވޭނެ. ސަރުކާރު އޮތީ ސިއްހީ ދާއިރާގެ ވިޔަފާރި ކުރާ މީހުންގެވެސް ދަށުވެފައި. ހުރިހައި ހިންމިތަކުން ދިޔައަރަނީ. ހުންގާނު ހިފަނީ އެހެންބަޔެއް. ކެޔޮޅު އުޅެނީ ފޮޓޯ ނެގުމުގައި" އަލީ ހުސައިން ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމްގެ ފެންވަރު ދަށް ކަމުގެ ވާހަކަތަކަކީ އަބަދުވެސް ދެކެވޭ ވާހަކައަކަށްވާއިރު، އަހަރުގެ މެދާ ހިސާބަށްއަންނައިރު އާސަންދަ ބަޖެޓް ހުސްވެ އިތުރަށްވެސް ބޭނުން ކުރަންޖެހޭ ކަމުގެ ވާހަކަތަކަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މުހިންމު އަދި އަގު ބޮޑު ބޭސްތައް އާސަންދަ އިން ނުލިބޭ ކަމުގެ ޝަކުވާ ވެސް ގިނައެވެ.