މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން، އެޕާޓީގެ ރައީސް ފާރިސް މައުމޫން ފޯމު ހުށަހަޅުއްވައިފިއެވެ. ފާރިސް މައުމޫން ވަނީ މީގެ ކުރިން ވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
އެމްއާރްއެމްގެ ރިޔާސީ ޕްރައިމްރީގައި ވާދަކުރައްވަން އެދޭނަމަ، ނަން ހުށަހެޅުއްވުމުގެ ސުންގަޑި މިއަދުގެ ހަވީރު 4 ޖަހާއިރަށް ހަމަވާއިރު، އެހެން ބޭފުޅަކު މިހާތަނަށް ފޯމު ހުށަހަޅާފައެއް ނުވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއާރްއެމްއިން ވަކިން ވާދަކުރަން ނިންމާފައިވާއިރު، އެ ޕާޓީގެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ 1 އޮގަސްޓުވާ އަންގާރަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީއަށް ނަން ހުށަހަޅުމުގެ ފުރުޞަތު މިއަދު 4 ޖަހާއިރަށް އޮތްއިރު ނަން އަނބުރާ ގެންދެވޭނީ މާދަމާ 2 ގެ ކުރިންނެވެ. މާދަމާ ހަވީރު 4 ޖަހާއިރު ކެންޑިޑޭޓުންގެ ނަންތައް އިޢުލާނުކުރަން އެ ޕާޓީން ނިންމާފައިވާއިރު ނަން ތަރުތީބުކޮށްގެން ގުރުނެގުން ކުރިއަށް ދާނީ މާދަމާ ހަވީރު 4:30 ގައި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
Ads by Allied Insurance