ޚަބަރު

އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެ މިސްކިތެއް އޭސީ ކުރަން ބަޔަކާ ހަވާލުކޮށްފި

އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެ މިސްކިތެއް އޭސީ ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރުމަށް ހަވާލު ކޮށްފައިވަނީ ޏ. ފުވައްމުލަކު، މަސްޖިދުލް އިނާރާ އާއި ނ. ކެނދިކުޅުދޫ، މަސްޖިދުލް އީމާން އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ ކޮންމެ މިސްކިތެއް 15 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މި މަސައްކަތަކީ އިއާދަ ކުރަނިވި ހަކަތައިން މިސްކިތް އޭސީ ކުރުމަށް މިއަހަރަށް ކަނޑައެޅި 11 މިސްކިތްތަކުގެ ތެރެއިން އަތޮޅުތެރޭގައި ނުނިމި ހުރި ދެ މިސްކިތުގެ މަސައްކަތް ކަމަށެވެ.

އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތަކުގައި އޭސީ ހަރުކުރުމަށް މިއަހަރު ކަނޑައެޅި މިސްކިތްތަކުގެ އެ މަސައްކަތް ނުކުރެވި ވަނީ މާލޭގެ ދެ މިސްކިތެވެ. މިނިސްޓަރު ވިދާޅުވީ އެ ދެ މިސްކިތުގެ މަސައްކަތްވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލުކޮށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އިއާދަ ކުރަނިވި ހަކަތ ބޭނުން ކޮށްގެން 553 މިސްކިތެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު މި މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ތިން އަހަރު ދުވަހަަށް ބަހާލައިގެންނެވެ. މިސްކިތްތަށް އޭސީ ކުރުމުގައި ފުރަތަމަ އިސްކަންދޭނީ އެންމެ ގިނައިން މީހުން ނަމާދު ކުރަން އަރާ މިސްކިތްތަކަށް ކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!