ޕްލޭން ބީ ގައި ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭނެކަމަށް ބުނެފައިއޮއްވާ، ޑރ. ވަހީދު ކުށުގެ ރެކޯޑު ސާފުކުރައްވަން ހުށަހަޅުއްވައިފި.
އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ޕްލޭން ބީ ގެ ގޮތުގައި ކެންޑިޑޭޓެއް ނެރޭނެކަމަށް ބުނެފައިވަނިކޮށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުށުގެ ރެކޯޑު ސާފުކުރައްވަން ހުށަހަޅުއްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލައިގައި އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހުގައި، ޕީޕީއެމްގެ ޕްލޭން އޭ އަކީ ރައީސް ޔާމީން ވާދަ ކުރެއްވުން ކަމަށާއި، ބީ އަކީ، އެމަނިކުފާނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުން ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.
ރައީސް ޔާމީނުގެ ކެންޑިޑެސީ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ޕީޕީއެމްގެ ވަކީލުން ވަނީ ރައީސް ޔާމީނާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އަލުން ކެންޑިޑެސީ ހުށަހަޅަން ފުރުސަތު ދިނުމުގެ އިތުރުން ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ކެންޑިޑޭޓަކު ނެރެން ޕީޕީއެމަށް އިތުރު ފުރުސަތެއް ދިނުމަށް އެދިފައެވެ.
ރައީސް ޔާމީނަށް ވާދަނުކުރެއްވިދާނެތީ އެމަނިކުފާނުގެ ލަފަޔާއެއްގޮތަށް ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ހޮވި ފަހުން، ޕީޕީއެމްއިން ބުނަނީ މުއިއްޒުއަކީ "ޕްލޭން ސީ" ކަމަށާއި ޕްލޭން އޭ އަކީ ޔާމީން ކަމަށްވާއިރު، އެމަނިކުފާނުގެ ޕްލޭން ބީ އަކީ ސުޕްރީމް ކޯޓުން ހޯދާ ފުރުސަތުގައި ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރުން ކަމަށެވެ.
ޔާމީންގެ ކެންޑިޑެސީ އީސީން ބަލައިނުގަތީ، އެމަނިކުފާނުހެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ޙުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނާތީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ބުނެފައެވެ.