ޚަބަރު ސިޔާސީ

އަޅުގަނޑުމެން ގެއަށް ވަދެފަ ފިނޑި މީހުންގެ ގޮތުގައި ނުތިބޭނަން! ފައިޓް އިޒް އޮން: ޑރ. ޖަމީލު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްޤައްޔޫމުގެ ކެންޑިޑެސީ އިލެކްޝަނުން ބަލައި ނުގަތީ ރަނގަޅަށް ކަމަށް، ސުޕްރީމް ކޯޓުން ނިންމި ނަމަވެސް، ޕީޕީއެމުން ގެއަށް ވަދެ، ފިނޑި މީހުންގެ ގޮތުގައި ނުތިބޭނެކަމަށާއި ރައީސް ޔާމީން މިނިވަންކުރުމުގެ "ފައިޓް އިޒް އޮން" ކަމަށް އެމަނިކުފާނުގެ އިސް ވަކީލު އަދި ރަނިންމޭޓު ޑރ. މުޙައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތް ނިމުމުން ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ، އިންސާފު ހޯއްދެވުމަށް ރައީސް ޔާމީން ވަރަށް ބުރަ މަސައްކަތެއް ކުރެއްވި ކަމަށާއި ދިވެހިރާއްޖޭގެ އިންސާފުގެ ނިޒާމުގެ ތެރޭގައި ރައީސް ޔާމީން ބަންދުކޮށްގެން، ޤާނޫނު އަސާސީން ލިބިދީފައިވާ އެންމެ މުހިންމު އަސާސީ ހައްޤުކަމަށްވާ އިންތިހާބަށް ކުރިމަތިލުމުގެ ހައްޤު އަދިޤާނޫނު އަސާސީން ރައްޔިތުންނަށް އެ ބަޔަކު ބޭނުންވާ މީހަކު އިންތިހާބުކުރުމަށް ލިބިދީފައިވާ ހައްޤު ނިގުޅައިގަތްތަން މިއަދު ފެނިގެން ގޮސްފައިވާ ކަމަށެވެ.

އަދި ރިއްޔިތުންނަށް ސުޕްރީމް ކޯޓުގެ ނިންމުން އަޑު އިވިއްޖެކަމަށާއި، ޤާނޫނީ ބަހުސާއި ދުސްތޫރީ ބަހުސަކީ ވަކި ވާހަކައެއްކަމަށާއި މިއަދު އެ ނިންމި ނިންމުމުގައި ބޮޑެތި ގޯސްތައް ފެންނަން ހުރިކަމަށް ފާހަގަކުރައްވަމުން އިންސާފުދޭގޮތަކީ އެއީތޯ ޖަމީލް ވަނީ ސުވާލުކުރައްވައިފައެވެ.

މީގެ އިތުރުން އިސްތިއުނާފުގެ މަރުހަލާގައި ރައީސް ޔާމީނަށް އޮތް ހައްޤު ހިފަހައްޓާފައިވާކަމަށާއި މިއަދު ފެނިގެން މިދަނީ އޭގެ ނަތީޖާކަމަށް ޖަމީލު ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންގއ މައްޗަށް ދަށު ކޯޓުން ކުރި ހުކުމުގައި ގޯސްތައް ހުރި ކަމަށާއި އެ ކަންތައްތައް ވަރަށް ތަފްސީލުކޮށް އިސްތިއުނާފުގައި ހުށަހަޅާފައިވާނެކަމަށްވެސް ޖަމީލު ފާހަގަކުރެއްވިއެވެ.

"އެއް ގޯސް ދެ ގޯހެއްގެ ވާހަކަ އެއް ނޫން މިދައްކަނީ. ދަށު ކޯޓުން ކޮށްފަ ހުރި ހުކުމުގައި ހުރީ ހައްތާވެސް ފޫނުބެދޭ ކަންތައްތައް. އެތަން މިތަނުން އޭތި މީއްޗޭ ކިޔާފައި އޮތް ޙުކުމެއްގެ ވާހަކަ މި ދައްކަނީ. ދެން ކޮންމެ ކޯޓަކުން ހުކުމެއް ކުރިޔަސް މިހާރު އެއީ ޙުކުމަކަށް ވަނީ، ކިތަންމެ ގޯސްތަކެއް ހުއްޓަސް. ދެން އޮތް މަގަކީ އިސްތިއުނާފުކުރުން" ޖަމީލު ވިދާޅުވިއެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީނަށް ގުޅޭނީ ކިހިނެއްތޯ ކޮން ގޮތަކަށްތޯ ފަނޑިޔާރަށް ބުނެ ނުދެވުނުކަމަށާއި، ދަށު ކޯޓުގައި ފަނޑިޔާރު ނުދައްކާ ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށް މަތީ ކޯޓުތަކުން ހުކުމް ކޮށްފައިވާކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ. އަދި ޝަފަހީ ހެކިތަކާއެކު ވަރަށް ތަފްސީލުކޮށް އިސްތިއުނާފުގައި ކިޔައިދީފައިވާނެކަމަށާއި ރައީސް ޔާމީނަށް ތުހުމަތުކޮށްފައި ހުރި އެތަކެއް ކަމެއް އެއީ ސާބިތުކުރެވޭނެ ކަންކަމަށް ނުވާއިރު އެކަންކަން ސާބިތުކުރެވޭނެ ހެކި ނެތްކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރި އިރު ޤާނޫނުގެ ވާހަކަ ވިދާޅުވިކަމަށާއި އެކަމަށް އިހްތިރާމްކުރާއިރު، އިދިކޮޅުންވެސް މި ދައްކަނީ ހަމަ ޤާނޫނުގެ ވާހަކަކަމަށް ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ، ޝަރީއަތް ހިގަނީ ހެކިތަކުގެ މައްޗަށްކަމަށެވެ.

"މިގޮތަށް ކުރާ ހުކުމުގެ ނަތީޖާ ކިހާ ގްރޭވް. ކިހާ ގްރޭވް. މިއީ ދެއްތޯ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، މިއަކީ ބަޔަކަށް ލައިދީގެން، ބަޔަކު ބައިންދައިގެން، ބަޔަކު ވިސްނައިދީގެން، ބަޔަކަށް ލުއިދީގެން ބޮޑެތި މުޖްރިމުން ލައްވާ ހެކިބަސް ދީފަ. އަނެއްކާ އެ ހެކިންގެ ހެކިބަހަކީ ކޮން ޝަރުޢީ ނިޒާމެއްގައި ގަބޫލު ކުރެވޭ ހެކިބަހެއް" ޖަމީލު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ އަސާސީ ހިނގަނީ އިސްލާމީ ޝަރީޢަތުގެ މައްޗަށްކަމަށާއި މިފަދަ ގޯސް ހުކުމެއް ކޮށްފައިވާއިރު، އެތައް ރައްޔިތެއްގެ ހައްގު ހަނިކުރެވިފައިވާކަން ފާހަގަކުރައްވަމުން ޖަމީލްވަނީ ރައީސް ޔާމީނުގެ މެސެޖެއް ރައްޔިތުންނަށް ހިއްޞާކޮށްފައެވެ.

"ރައީސް ޔާމީނު ވިދާޅުވަނީ ޖުޑީޝަރީ ތެރެއިން ޖުޑީޝަރީ ބޭނުންކޮށްގެން އެޑްމިނިސްޓްރޭޓް ޖަސްޓިސް ބޭނުންކޮށްގެން، ތިމަން މަނިކުފާނުގެ ހައްޤު ނިގުޅައިގެންފިޔޭ.، ތިމަން މަނިކުފާނަށް އިސްތިއުނާފުގެ ހައްޤު ނުދީ ތިމަން މަނިކުފާނަށް ޤާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުގެ ހައްޤު ނުދީ ތިމަން މަނިކުފާނުގެ އަސާސީ ހައްޤުތައް ދިވެހި ޖުޑީސިއަރީ ބޭނުންކޮށްގެން ނިގުޅައިގަތީ އެއީ ރައީސް ޔާމީނުގެ މެސެޖަކީ ދިވެހި ގައުމަށް" ޖަމީލު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ދިގު ތާރީހެއް އޮތް ގައުމެއްކަމަށާއި، މި ގައުމު މި ހިސާބަށް އައީ އެތައް ބައެއްގެ މަސައްކަތުންކަމަށް ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ، މިއަދު މިގައުމުގެ ކޮންމެ ރައްޔިތަކު ހުއްޓިފަ އަމިއްލަ ނަފްސާ ސުވާލުކުރަން އެބަޖެހޭކަމަށެވެ. އެގޮތުން، ތިމަންނަ މިއަދު މިމަގާމުގައި ހުރި ނަމަ ކުރާނެ އިހްސާސަކީ ކޮބައިތޯއާއި އިންސާފު ހައްޤު މިންވަރާމެދު ސުވާލުކުރުމަށް ޖަމީލްވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު ސުޕްރީމް ކޯޓުގައި ގޯސް ތަރުޖަމާތައް ކުރެވިގެންދިޔަކަމަށާއި، މިއަދު މި ނިގުޅައިގަތީ އެތަކެއްހާސް ރައްޔިތުންނެއްގެ ހައްޤުކަން ތަކުރާރުކުރައްވަމުން ޖަމީލް ވިދާޅުވީ، ރައީސް ޔާމީނަކީ ދިވެހި ޤައުމަށް އަގު ނުކުރެވޭ ބޮޑެތި ކަންތައް ކޮށްދެއްވި ލީޑަރެއްކަމަށާއި އެކަމަށް އަޑުއުފުލާ މީހަކު ނުވާކަމަށެވެ.

އެހެންނަނަމަވެސް އިދިކޮޅުން ގެއަށް ވަދެފަ ފިނޑިން ގޮތުގައި ނުތިއްބަވާނެކަމަށާއި ރައީސް ޔާމީނުގެ ހައްޤުގައި އެމަނިކުފާނުގެ އިރުޝާދާއެކު، އެމަނިކުފާނު އަނބުރާ ދިވެހި ޤައުމާ ހަވާލުވަންދެން އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި މި ފައިޓް ކުރިއަށްގެންދާނެކަމަށެވެ.

Ads by HDC
  1. އަބުޅޯ

    ބިޑިހެދޭނީ ޖަމީލުމެންނަށް.