ޚަބަރު ސިޔާސީ

އާރަށް މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް، ބުރާސްފަތި ދުވަހު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވ.އާރަށް މައްސަލައިގައި އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމްގެ އިސްތިއުނާފު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފިއެވެ.

Ads by Hajj Corporation

ރައީީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވާތީ، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާއެކު މިއަދު ހައިކޯޓަށް ވަޑައިގެންނެވިއެވެ. އެ ސަރަހައްދުގައި ހުންނަވައި ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވީ، އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު އޮންނާނެކަން އަންގަވައިފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި، މި މައްސަލައިގެ އެއް އަޑުއެހުން ނޫނީ ދެ އަޑުއެހުން ދެން އޮންނާނީ، ދެން އޮންނާނީ ޙުކުމް." އޭނާ ވިދާޅުވިއެވެ.

ޖަމީލު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ލަސްވުމުގެ ސަބަބުން އެމަނިކުފާނުގެ އެތައް ޙައްޤެއް މިހާރު ވެސް ގެއްލިފައިވާ ކަމަށާއި، މިހާރު ވެސް އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

ރައީީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވީއިރު، އެމަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ޖަމީލު މިއަދު ވިދާޅުވީ ކޯޓުތަކުން ރައީީސް ޔާމީން ކަސްތޮޅު އަޅުވައި، ދިން އަނިޔާ ބަލައިނުގަނެވޭނެ ކަމަށާއި، ކޮންމެ ހަފްތާއެއްގެ ކޮންމެ ދުވަހަކު ވެސް، އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!