ޚަބަރު ޝަރުޢީ ދާއިރާ

ސިޔާސީ ވާހަކައެއް ދައްކަންވެސް ނެތް، އަޅުގަނޑު މި ހުރީ އެ ފުރުސަތު ދޫކޮށްލައިގެން: ރައީސް ޔާމީން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސިޔާސީ ވާހަކަ ދައްކަވަން ނެތިން ކަމަށާއި އެ ފުރުޞަތު ދޫކޮށްލައްވައިގެން ހުންނެވިކަމަށް ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީނު މިހެން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް، އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި މިއަދު ކުރިއަށްދާ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ އަޑުއެހުމުގައި ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ވާހަކަ ދައްކާއިރު ރައީސް ޔާމީންގެ ވަކީލުން، އެ ހުށަހެޅުއްވުން ޝަރީއަތަށް އިއްވައި ވާހަކަ ދައްކަވާ ނިންމެވުމުން އެމަނިކުފާނުވަނީ ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.

އެ ފުރުސަތު ފަނޑިޔާރުން ދެއްވުމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ތަހައްމަލުކުރައްވާ ބޭފުޅެއްކަމަށާއި، އެމަނިކުފާނުގެ އުނަގަނޑުގައި ރިއްސާތީ، ޑޮކްޓަރުން އިރުޝާދު ދީފައިވާ ގޮތަށް ކަސްރަތު ކުރުމަށް މިހާރު ފުރުސަތު ނުލިބޭ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ހައި ކޯޓުގައި އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ބަލި ނުވާތީއެއް ނޫން، އަވަސް އަވަހަށް ހޮސްޕިޓަލަށް ނުދަނީ ވެސް، އަޅުގަނޑު ރަނގަޅުވުމަށް މަސައްކަތްނުކޮށް ހޮސްޕިޓަލަށް ގޮސް އޮންނަންޏާ، އަޅުގަނޑަށް އިހުސާސްވޭ، އަޅުގަނޑުގެ އާއިލާއަށް މި ހިތާމަ ތަހައްމަލު ކުރަން ނޭދޭތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމަކީ ޝަރީޢަތަށް ކުރެވިދާނެ ކަމެއް ކަމަށާއި އެކަން ކޮށްދެއްވައިގެން، ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތްކަމަށެވެ. އަދި އެކަން އެހެން ކޮށްދެއްވައިފިނަމަ އެމަނިކުފާނަށާއި ޢާއިލާއަށް އެއީ ވަރަށް ބޮޑު ލުޔަކަށްވެގެންދާނެކަމަށް އާދޭހާއެކު ދަންނަވާފައިވެއެވެ.

"އަޅުގަނޑު މިއަދު ނެތް ސިޔާސީ ވާހަކައެއް ދައްކަން ވެސް ނެތް، އަޅުގަނޑު މި ހުރީ އެ ފުރުސަތު ދޫކޮށްލައިގެން،" ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޔާމީން ވިދާޅުވީ ޖަލު ޙުކުމްގެ އިތުރުން ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކުރުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށާއި އެއީ، އިސްތިއުނާފު މައްސަލަ އޮއްވައި އަދި އެ މައްސަލަ ރައީސް ޔާމީނާ އެއްކޮޅަށް ނިމުމުގެ ފުރުސަތު އޮއްވައި ފައިސާ ދައްކައިފި ނަމަ ދެން އަނބުރާ އެ ފައިސާ ހޯދުމަށް އުނދަގޫވެދާނެތީ ކަމަށެވެ. އަދި އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެ ފައިސާ ދައުލަތުން އަނބުރާ ހޯދޭނީ އެތައް އިޖުރާއަތްތަކަށް ފަހުގައިކަމަށްވާތީއެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދިފައިވީ ނަމަވެސް، އެއީ ގާނޫނީ ނިޒާމުގެ ތެރޭގައި އޮތް ކަމެއް ނޫންކަމަށް ދައުލަތުން ޤަބޫލުކުރެއެވެ. އެކަން ދައުލަތުން ފާހަގަކުރަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކޮށެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ ގޮތުގައި ޖިނާއީ މައްސަލަތަކުގައި އަމަލުކުރާ ހާއްސަ ގާނޫނު ކަމަށްވާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގައި އަމަލު ކުރާނެ ގޮތެއް ނެތްކަމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެހެން ގާނޫނެއްގައި ވެސް އެފަދަ އިޖުރާއަތެއް ނެތްކަމަށެވެ.

އެކަން އެގޮތަށް ކަނޑައަޅާފައި ވަނީ ގއ. ވޮޑަމުލާގެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދުނު މައްސަލާގައި އެ ކޯޓުން އިއްވި ޙުކުމްގައެވެ.

Ads by Ooredoo
  1. ޤާނޫނު އަސާސީގައި އެބޮތް ވަރަށް މުހިންމު މާއްދާއެއް އެއީ ޤާނޫނެއްގައި ލިޔެފައި ނުވާ ހައްޤުތަށްވެސް ހޯދުމަށް ރައްޔިތުން ނަށް ދައުވާ ކުރެވޭނެކަން !

  2. ދިވެހިރާއްޖޭގެ މިއަދުގެ ޤާނޫނު އަސާސީ ވަރަށް ފުޅާވާނެ، ޤާނޫނުގައި ނުވާ ހައްޤު ހޯދުމާއި ލިބި ދިނުމަކީ އަސާސީ ހައްޤެއްގެ ގޮތުގައި ޤާނޫނު އަސާސީގައި ލިޔެފައިވޭ ! އެއްވެސް މީހަކު ހައްޤުތަކުން މަހުރޫމެއް ނުކުރެވޭނެ ލިޔެފައި ނެތެކޭކިޔާފަ !