ޚަބަރު ސިޔާސީ

ޕީޕިއެމް އޮތީ މަގުމަތިވެފައި ކަމަށް ވިދާޅުވެ, ރައީސް ވަހީދު ގޮވާލެއްވީ ޤާސިމަށް ވޯޓް ދޭން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު, އިދިކޮޅު ޕްރޮގްރެވިސް ޕާޓީ އޮފް މޯލްޑިވްސް އިންނާއި އެ ޕާޓީގެ އެޑްވައިޒަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން އަމާޒުވި ބައެއް ފާޑުކިއުންތަކަށް އެމަނިކުފާނު މިރޭ ރައްދު ދެއްވައިފި އެވެ.

Ads by Sosun Fihaara

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ ޕީޕީއެމުން ވަކިވެވަޑައިގެންނެވި ކަމުގައިވިޔަސް އެމަނިކުފާނު "މަގުމަތިވެއްޖެޔޭ" ވިދާޅުނުވާނެ ކަމަށެވެ.  ނަމަވެސް އެމަނިކުފާނު ސިފަކުރެއްވި ގޮޮތުގައި ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރުމުން ޕީޕީއެމްގެ އާއްމު މެމްބަރުން އެ ވަނީ މަގުމަތިވެފަ އެވެ.

"އެޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ނެތުމުން، އެއްވެސް މީހަކަށް އެޕާޓީން ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފުރުސަތެއް ނުލިބުނު. ނުދިން. އޭގެ ސަބަބުން މިއަދު، ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަަހަރުގެ ރިޔާސީ އިންތިހާބުގެ ބެލެޓް ކަރުދާހަކު ނެތް. ޕިންކް ކުލަ ވެސް ނެތް. ޕީޕީއެމްގެ ކުލައެއް ވެސް ނިޝާނެއް ވެސް ނެތް. ކޮބައިތޯ ޕީޕީއެމްގެ ސާޅީހަކަށް ހާސްް މެމްބަރުން، އަޅުގަނޑު ދަންނަވާނީ އަޅުގަނޑު މަގުމަތިވިއްޔާ އެބޭފުޅުން ވެސް ތިބީ މަގުމަތީގައޭ،" ވަހީދު ވިދާޅުވި އެެވެ.

ޕީޕީއެމުން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވަމުން ވަހީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޕީޕީއެމާ އެމަނިކުފާނު ގުޅިފައިވަނީ މީގެ 10 އަހަރު ކުރިން، ޤައުމީ ހަމަޖެހުން ޤާއިމުކޮށް، ތަރައްޤީގެ ފިޔަވަޅުތައް ދެމެހެއްޓުމަށްޓަކައި ކަމަށާއި ރައްޔިތުންގެ ކުރިއެރުމާއި އިޤްތިޞާދާއި ޑިމޮކްރަސީ ހަމައަކަށް އެޅުމަށްޓަކައި، އަދިވެސް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމާއި މެންބަރުކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށާއި ހުނަރާއި ތަޖުރިބާއާއި ޢިލްމުގެ ބޭނުން ހަމަޖެހުމާއި، އިޚްލާޞްތެރިކަން ހުރި ތަނެއްގައި ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކާމިޔާބީއަށް މަގުފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެމަނިކުފާނު އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ކުރިއެރުމާއި ޤައުމުގެ ސިޔާދަތީ މިނިވަންކަމާއި، ދެމެހެއްޓެނިވި ކުރިއެރުމާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކަމަށާއި، ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ނިންމެވީ ފަރުވާތެރިކަމާ އެކު ވިސްނެވުމަށް ފަހު ކަމަށެވެ.

ވަހީދުގެ ބަޔާނުގައި ޕީޕީއެމްއިން ވަކިވެވަޑައިގަންނަވާ ސަބަބު ސާދާކޮށް ވިދާޅުވެފައިވީނަމަވެސް، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށް ފޮނުއްވި ސިޓީގައި ވަނީ އެމަނިކުފާނުގެ ނުރުހުމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

"...ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑަަގަތުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމެވުމާއި އެ ނިންމެވުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިއްތިފާގުން 5 އޮގަސްޓް 2023ގައި ދެމެެހެއްޓުމާއި އިންތިހާާބުގެ ކެންޑިޑޭޓުން ހުށަހެޅުމުގެ ފުރުސަތު 7 އޮގަސްޓް 2023 ގެ 2:00 ގައި ހަމަވުމާއި ދޭތެރޭގައި އިތުރު ކެންޑިޑޭޓެއް ނެރުމަށް ވަގުތު އޮވެ ޕީޕީއެމްގެ ލީޑަޝިޕްގެ ފަރާތުން އެއްވެސް މަސައްކަތެއް ނުކުރައްވަވައި އަދި ޕާޓީގެ ސެނެޓަށް، ކެންޑިޑޭޭޓެއް ނެރުމުގެ ފުރުސަތެއް ނުދެއްވަވައި، އެހެން ކުޑަ ޕާޓީއެއްގެ ކެންޑިޑޭޓެއް ނެރުމަކީ ޕީޕީއެމް އަށް ޕާޓީގެ ލީޑަޝިޕުން ވެވަޑައިގެންނެވި ވަރަށް ބޮޑު ހިޔާނާތެއް،" ވަހީދުގެ ވިދާޅުވެފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!