ދީން

ހުކުރު ޚުޠުބާ: ރަސޫލާގެ ހިޖުރައިން ލިބޭ އަގުހުރި ފިލާވަޅަކީ ދީނަށްޓަކައި ޤުރްބާން ވުމުގެ މަތިވެރިކަމެވެ.

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކީރިތި ރަސޫލާގެ ހިޖުރައިން ލިބޭ އަގުހުރި ފިލާވަޅަކީ ދީނަށްޓަކައި ގުރްބާން ވުމުގެ މަތިވެރިކަމުގެ ފިލާވަޅު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ads by Hajj Corporation

ހިޖްރީ އާ އަހަރާ ގުޅިގެން މިއަދު އިއްވި ހުކުރު ޚުޠުބާގައި ވަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނާލުމަށް ގޮވާލާފައެވެ. އަދި ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތް ކަމެއް ކަމަށާއި އެގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނެފައި ވަނީ ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި، އާއިލާ ބޭފުޅުން ދޫކުރައްވައި މައްކާ އިން ނުކުމެ ވަޑައިގެން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އެކަންކަން އިސްލާމް ދީނުގެ ދިފާއުގައި ޤުރްބާން ކުރައްވާފައި ކަމަށެވެ.

"ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައި ވުމެވެ. މި ގޮތުން ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރު ކުރައްވަން ފެއްޓެވުމެވެ. މިއީ ފުރިހަމަ ސިއްރިއްޔާތުގައި ކުރެއްވި ކަމެކެވެ. ހަމަ އެފަދައިން ހިޖުރައަށް ނުކުމެވަޑައިގެންނެވި ރޭގައި އަލީގެފާނު ކީރިތި ރަސޫލާގެ ދާންމަތި ކޮޅުގައި އަވަހާރަފުޅު ލެއްޕެވިއެވެ. މައްކާގެ މުޝްރިކުން ރަސޫލާ އަވަހާރަ ކޮށްލަން ރާވާފައިވާ ރޭގައި އެކަލޭގެފާނުގެ ދާންމަތި ކޮޅުގައި އަލީގެފާނު އަވަހާރަފުޅު ލެއްޕެވީ ފުރާނަފުޅު ޤުރްބާންވެ ދިޔަ ނަމަވެސް ރަސޫލާ ދިފާއު ކުރައްވައި އިސްލާމް ދީން ދިފާއު ކުރެއްވުމުގެ މަތިވެރި މަގްސަދުގައެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނެފައި ވަނީ މައްކާއިން ނިކުމެވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި އެބޭކަލުން ތިއްބެވިއިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް ކުރެއްވުމާ ހަވާލުވެވަޑައިގަތީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ ރަޟިޔަﷲ އަންހާ ކަމަށާއި އެކަމަނާ އެތަކެތި ހިއްޕަވައިގެން ވަޑައިގެން އެފަރުބަދައަށް އަރުވައި އެބޭކަލުންނަށް ފަރިއްކޮޅު އެރުވުމަކީ ވެސް ބުރަ އަދި އެހާމެ އުނދަގޫ ބިރުވެރިކަން ބޮޑު ކަމެއް ކަމަށެވެ. އަދި އޭރު މައްކާގައި ކަންހިނގަމުން ދިޔަ ގޮތުގެ ޅަބަރުތައް ރަސޫލާ އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން އަބްދުﷲ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

"ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތު ކަމާއެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނެއެވެ. ރަސޫލާ އާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ތިއްބެވިއިރު އަބޫބަކުރުގެފާނު ރަސޫލާއަށް ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ. މައްކާގެ މުޝްރިކުންގެ މީހަކު މިތަނަށް އައިސް ގުދުވެ ތިރިއަށް ބަލައިލި ނަމަވެސް ތިމަން ބޭކަލުން މި ތިއްބެވި ތަން ފެންނާނެއެވެ. އެހިނދު ރަސޫލާ ހަދީޘް ކުރެއްވިއެވެ. އޭ އަބޫބަކުގެފާނެވެ. ތިމަންމެން ދެބޭކަލުން އެކަނި ތިއްބެވި ކަމަށް ހީފުޅު ނުކުރައްވާށެވެ! ތިންވަނަ ފަރާތެއްގެ ގޮތުގައި ﷲ ތިމަން ބޭކަލުންނާ އެކު ވޮޑިގެންވެއެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ރަސޫލާ މައްކާއިން މަދީނާއަށް ވަޑައިގެންނެވި މަތިވެރި ހާދިޘާ އަކީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެން ދިޔަ ހާދިޘާއެއް ކަމަށެވެ. އަދި ކަންކަމުގައި ﷲ އަށް ވަކީލު ކުރަންޖެހޭ ކަމީ ހިޖުރައިގެ މި މަތިވެރި ހާދިޘާއިން އަޅުގަނޑުމެނަށް ލިބޭ އެންމެ އަގުހުރިއެއް ފިލާވަޅު ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!