ޚަބަރު ސިޔާސީ

ކުޅުދުއްފުށީ މެމްބަރާއި މޭޔަރު ވަކިވުމަކުން ޕާޓީއަށް ވޯޓެއް ނުގެއްލޭނެ: ޑިމޮކްރެޓްސް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަންނަވަނީ

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ޑިމޮކްރެޓްސްއިން ވަކިވެ އެމްޑީޕީއާއި ގުޅުމަކުން މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ޑިމޮކްރެޓްސްގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑިމޮކްރެޓްސް އުފެއްދެވުމުގައިވެސް އިސްކޮށް އުޅުއްވި ޔާސިރު ކުއްލިއަކަށް އެޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއިކުރެއްވީ ރޭގައެވެ. ޔާސިރާއިއެކު މޭޔަރު އާތިފް އާއި ކުޅުދުއްފިށި ކައުންސިލްގެ ހަތަރު މެމްބަރަކުވެސް އެމްޑީޕީއަށް ސޮއިކުރިއެވެ.

ކުޅުދުއްފުށި ކައުންސިލްގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ޑިމޮކްރެޓްސްއަށް ބަދަލުވުމަށްފަހު ރޭ އަނެއްކާވެސް މިވަނީ އެމްޑީޕީން މެޖޯރިޓީ ހޯދައިފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއި ގުޅޭގޮތުން އިމްތިޔާޒު ވިދާޅުވީ ޔާސިރާއި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުން އެމްޑީޕީއާއި ގުޅުމަކުން ޑިމޮކްރެޓްސްއަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.

އެގޮތުން ކުޅުދުއްފުށިގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޑިމޮކްރެޓްސްއަށް ސޮއިކޮށްފައިވާކަމަށާއި އެހެންކަމުން އެރަށުގެ ވޯޓު އެޕާޓީއަށް ކަށަވަރުވާނެ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

މަޖިލިސް މެމްބަރާއި ކައުންސިލް މެމްބަރުން ޑިމޮކްރެޓްސްއިން ވަކިވިޔަސް އާންމު ރައްޔިތުން އެޕާޓީއާއި ގުޅުނީ މަގާމާއި އަމިއްލަ ކުރިއެރުމަށްޓަކައި ނޫން ކަމަށާއި ޕާޓީގެ ފަލްސަފާތަކާއި ސިޔާސަތުތައް ގަބޫލުކުރެވޭތީ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. އެހެންކަމުން، އެ ޕާޓީގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން މެމްބަރުންތަކެއް ވަކިވެގެން ދިޔަ ސަބަބު ނޭނގޭކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

މެމްބަރު ޔާސިރަކީ މަޖިލީހުގައި އުފެދުނު ދެ ފެކްޝަންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފެކްޝަންގައި ހުންނެވި ބޭފުޅެކެވެ. އޭގެ ފަހުން އެމްޑީޕީއިން ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ޔާސިރު ތާއީދު ކުރެއްވިއެވެ.

އޭގެ ފަހުން ރައީސް ނަޝީދާއިއެކު މަސައްކަތް ކުރެއްވުމަށްފަހު ޑިމޮކްރެޓްސް އުފެއްދުމަށްވެސް ހަރަކާތްތެރިވިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށި ހިސާބުން ޔާސިރު އަނެއްކާވެސް ޑިމޮކްރެޓްސްއިން ގެއްލުނެވެ.

ޔާސިރާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންތަކެއް އެމްޑީޕީއަށް ގަތްކަމުގެ ތުހުމަތު ކުރެވެއެވެ. އެގޮތުން މިކަމަށް 29 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރިކަމަށް އަޑު ފެތުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!