ރައީސް ޞާލިޙް ދައުލަތުގެ ލޯ ލާރިއެއްގައިވެސް ޖެހިވަޑައި ނުގަންނަވާނެ، ލިބޭ އެއްޗަކުން ފުއްދަވާ: އަސްލަމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އަކީ ދައުލަތުގެ އެއްވެސް ފައިސާއެއްގައި ޖެހިވަޑައިގަންނަވާނޭ ބޭފުޅެއް ނޫންކަމަށާއި އެމަނިކުފާނަކީ ލިބިވަޑައިގަންނަވާ އެއްޗަކުން ޚަރަދުކުރައްވާ ބޭފުޅެއްކަމަށް ރަނިން މޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ޖަގަހައެއް ހުޅުމާލޭގައި ހުޅުއްވައި ދެއްވައި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، ވެރިކަމުގައި މިހާރު ހުންނެވި ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް ކަމަށާއި އެމަނިކުފާނަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ނޫންކަމަށެވެ.
އެގޮތުން، ރައީސް ޞާލިޙް ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުންނާ މެދު އަމަލުކުރެއްވި ގޮތް ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، ރައްޔިތުންނަށް ދަތިވިޔަ ނުދީ އިޤްތިޞާދީ ގޮތުން ޤައުމު ހިފަހައްޓާލެއްވި އެމަނިކުފާނު ކަމަށާއި އެއީ މޮޅު އިކޮނޮމިސްޓުން އެކަން ކުރައްވާނެ ގޮތްކަމަށެވެ.
"އެ ހުރިހާ ކަމެއް ކުރަމުން އިކޮނޮމީ ހިފަހައްޓާލި ހިފަހައްޓާލުމަކީ މޮޅު އިކޮނޮމިސްޓަކު އެކަން ކުރާނެ ގޮތް. ރައްޔިތުންދެކެ ލޯބިވާ ރައީސަކު އެކަން ކުރާނެ ގޮތް. ރައީސް އިތުރުފުޅެއް ނުހައްދަވާނެ. ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައި ނުގަންނަވާނެ. ލިބޭ އެއްޗަކުން އެ ހަރަދު ކުރައްވަނީ،" އަސްލަމް ވިދާޅުވި އެވެ.
ރައީސް ޞާލިޙް ކޮވިޑު މެނޭޖު ކުރެއްވި ގޮތުގެ ވާހަކަ އަކީ ވަރަށް ގިނަ މީހުން ވަރަށް ގިނަ ގޮތްގޮތަށް ދައްކާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، އެނޫންގޮތަކަށް އެވާހަކަ ދައްކަވަން ބޭނުންފުޅުވާކަމަށެވެ.
މިގޮތުން، އެމްޑީޕީގެ 2008ވަނަ އަހަރު އުފެދުނު ސަރުކާރުގައި ދިމާވި ކަންކަމަށް ބަލާއިރު އޭރު އެމްޑީޕީ ސަރުކާރު އައީ ގްލޯބަލް ފައިނޭންޝަލް ކްރައިސެސްއެއްގެ މެދަށްކަމަށް އަސްލަމް ވިދާޅުވިއެވެ.
"އެމްޑީޕީގެ ފުރަތަމަ ސަރުކާރު އައިއިރު، 2008، ވަނަ އަހަރު އައީ ގްލޯބަލް ފައިނޭންޝަލް ކްރައިސެސްއެއްގެ މެދަށް. އެކަން މެނޭޖު ކުރުމަށް އޭރު އެމްޑީޕީ ސަރުކާރުން އަޅަން ޖެހުނު ފިޔަވަޅުތަކަކީ ސަރުކާރުންގެ މުވައްޒަފުންގެ އަދަދު މަދު ކުރެއްވި. މުސާރަ އުނި ކުރެއްވި، ... އެކަމުން އަރައިގަންނަންދެން، ބައެއް ތަންތަން ވިއްކާލަން ޖެހުނު. ދައުލަތުން ހަރު މުދާ ކަމުގައި އޭރު ކިޔާ ދިރާގުގެ ހިއްސާ، އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއްކާލަން ޖެހުނު. އަދި ރިސޯޓުތައް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 15 އަހަރަށް އިތުރު ކުރުމަށްފަހު އެޑްވާންސްކޮށް ފައިސާ ނެގި. ޑޮލަރު ފްލޯޓު ކުރުމަށް 20 ޕަސެންޓުގެ ފްލޯޓެއް ގެނެސް އެ މަތިވާ 20 ޕަސެންޓު، 12 ރުފިޔާ 85 ލާރިން 15 ރުފިޔާ 42 ލާރިއަށް އިތުރުވި 20 ޕަސެންޓަކީ އަނެއްކާ ވެސް ބަޖެޓް ސަޕޯޓެއްގެ ގޮތުގައި ކަނޑައެޅި." އަސްލަމް ވިދާޅުވިއެވެ.
އެހެންނަމަވެސް، އޭރު އެ ދިމާވި ހާލަތުގައި ދައުލަތުގެ މުދަލާއި މުވައްޒަފުންގެ މުސާރައަށް ގެންނަން ޖެހުނު ބަދަލު ގެނައި ނަމަވެސް މުޅި ދުނިޔެއަށް އައި ކޮވިޑުގެ ބަލިމަޑުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މެނޭޖު ކުރެއްވީ ދައުލަތުން އެއްވެސް މުދަލެއް ނުވިއްކަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އޭގެ އިތުރުން އިންކަމް ސަޕޯޓުގެ ގޮތުގައި އެލަވެންސެއް ދިނުމާއި ޕްރައިވެޓް ސެކްޓާއިން ވެސް ވަޒީފާ ގެއްލިގެން އައި މީހުންނަށް މުސާރަ އާއި އިނާޔަތް ރައީސް ޞާލިޙް ދެއްވިކަމަށާއި، މި އިންތިހާބުގައި އިދިކޮޅު ފަރާތަކުން ދައްކާ ވާހަކަތަކަށް ނުބަލައި ކަން ހިނގާފައިވާ ގޮތް އަމިއްލަ އަށް ބެލުމަށް އަސްލަމް އެދިވަޑައިގަތެވެ.
ލިބޭ އެއްޗަކުން ފުއްދަވާތީތޯ ދުވަހަކު ނުދަރާވަރަށް އިބްރާހީމް މިއޮތީ މިގައުމު ދަރުވާލާފަ؟