ކުރީގެ ސަރުކާރުތަކުން ފ. ނިލަންދޫއަށް ކޮށްދިނީ ކޮންކަމެއްތޯ ނާޒިމް ސުވާލުކުރައްވައިފި

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ފ. ނިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ރަށަށް ކުރީ ސަރުކާރުތަކުން އެ ރަށުގައި އެއާޕޯޓު އަޅަން ވާހަކަ ދެއްކިނަމަވެސް، އެކަން ނުކުރާކަމަށެވެ.
ނިލަންދޫގައި ޒުވާނުން ތިބީ އެއްވެސް މަސައްކަތެއް ނުކުރެވިފައިކަމަށާއި، އެ ރަށަށް ގެންނަންޖެހޭ ތަރައްޤީއެއް އެއްވެސް ވަރަކަށް ނުގެންނަކަމަށެވެ. ކުރީގެ ސަރުކާރުތަކުން ވަނީ އެ ރަށަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި މިއީ ރައްޔިތުންނަށް ޙައްޤު މިންވަރު ނޫންކަމަށެވެ.
"މިރަށަށް އެމީހުން ކޮންކަމެއްތޯ ކޮށްދިނީ؟ ކުރީގެ ސަރުކާރުގެ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ ފޮޓޯ: އެމްއެންޕީ
އެމަނިކުފާނު ވިދާޅުވީ މިހާރުގެ ސަރުކާރުން ފަށާފައި ނުނިމި ހުރި ހުރިހާކަމެއް ނިންމާނެކަމަށާއި، އަދި އޭގެ އިތުރުން އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް އެ ރަށުގައި ހިންނާގެކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރެއްގައި ގެސްޓުހައުސް އެޅުމަށްފަހު ރައްޔިތުންނާ ތަޅުދަނޑި ހަވާލުކުރާނެކަމަށާއި އޭގެ ސަބަބުން އަންހެނުންނާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ރަށަށް ތަރައްޤީ ގެނައުމަށްޓަކައި އެންމެ މުހިންމު ކަމަކަށް ވާނީ ތަރައްޤީ ގެނައުމަށްޓަކައި ވަޒީފާ އުފެއްދުން. އަޅުގަނޑުގެ ވެރިކަމެއްގައި މި ރަށުގެ ގެސްޓްހައުސް އަޅަން އޮތް ސަރަހައްދުގައި ގެސްޓްހައުސް އަޅައި ތިބޭފުޅުންނަށް ތަޅުދަނޑި ހަވާލު ކުރާނަން. ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނާނަން"
މީގެ އިތުރުން މޯލްޑިވިއަންގެ ޓިކެޓުގެ އަގު ހެޔޮކުރުމާއި، ލުއިފަސޭހަ ގޮތެއްގައި ކަނޑުމަގުން ދަތުރުކުރުމުގެ ނިޒާމް ޤާއިމްކޮށްދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ސިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމާއެކު ޓޫރިޒަމްގެ ޚިދުމަތް ފުޅާކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.
"އަޅުގަނޑުގެ ސަރުކާރެއްގައި މި ހޮސްޕިޓަލަކީ ރަނގަޅު ފެންވަރަކަށް، މި ރަށުގެ އާބާދީއާ އެކަށީގެންވާ ގޮތަކަށް ޚިދުމަތްދެވޭ ހޮސްޕިޓަލަކަށް ހަދާނަން"
"މި ރަށަށް ތަރައްޤީ އޮތީ ބަދަލު ގެނެސްގެން. އެ ބަދަލަކީ ނަމްބަރު އަށެއް. އަޅުގަނޑު މި އަންނަނީ ނިލަންދޫ ރައްޔިތުންނަށް އުފާ ފާގަތިކޮށްދީ ތި ބޭފުޅުންގެ ޖީބަށް ބަރުކުރަން. ތި ބޭފުޅުންނަކީ މުއްސަނދި ބަޔަކަށް ހަދަން. ކޮންމެ މީހަކީ ތަނަވަސް ކަމާ އެކީ އުލެވޭނެ މީހަކަށް ހަދަން"
މިފަދަ ބޮޑެތި ތަރައްޤީ ގެނައުމުން ރަށުގެ އާބާދީ އިތުރުވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
މިޤައުމަށާއި ރަށްޔިތު މީހާއަށް އެންމެރަނގަޅު ވައުދުތަށް ވިދާޅުވަމުން އެގެންދަވަނީ ކާނަލް ނާޒިމް 8 ވަރަށް ވަރަށް ސާފް އިނގޭތޯ