ޚަބަރު ސިޔާސީ

ރިޔާސީ އިންތިޚާބު އޮބްޒާވްކުރަން ޖުމްލަ 9887 ފޯމު ލިބިފައިވޭ: ހަބީބް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ޖުމްލަ 9887 އެޕްލިކޭޝަން ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

Ads by STELCO

ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިޚާބުގެ ކޮންމެ ވޯޓުލާ މަރުކަޒެއްގައި، ކޮންމެ ޕާޓީއަކުން ނުވަތަ ކެންޑިޑޭޓެއްގެ ފަރާތްޕުޅުން މަންދޫބަކު ބެހެއްޓުމަށް، އެ ކޮމިޝަނުން ހުޅުވާލި ފުރުސަތު 17 އޮގަސްޓަށް ހަމަވެފައިވާއިރު ޖުމްލަ 9887 ފޯމު ލިބިފައިވާކަމަށެވެ.

އެގޮތުން،ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް 4545 މޮނިޓަރުން، 3607 އޮބްޒާވަރުން، 1735 މަންދޫބުން (ކެންޑިޑޭޓުންގެ ފަރާތްޕުޅުން) ހުށަހަޅާފައިވާއިރު، އެޕްލިކޭޝަންތަކުގެ ސައްޙަކަން ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން، 1735 މަންދޫބުންގެ އެޕްލިކޭޝަން އީސީ އަށް ލިބިފައިވާ ކަމަށާއި އެގޮތުން އެއީ އެމް.ޑީ.ޕީގެ 458 އެޕްލިކޭޝަން، ޖޭޕީގެ 217 އެޕްލިކޭޝަން، ޕީ.އެން.ސީގެ 548 އެޕްލިކޭޝަން، އެމް.އެން.ޕީގެ 271 އަދި ދަ ޑިމޮކްރެޓްސް 241 އެޕްލިކޭޝަން ލިބިފައިވާކަމަށް ފާހަގަކުރައްވަމުން ހަބީބު ވިދާޅުވީ، ރާއްޖޭގެ މޮނިޓަރުންނާއި، އޮބްޒާވަރުންގެ އިތުރުން، އިންޓަރނޭޝަނަލް އޮބްޒާވަރުންނާއި މޮނިޓަރުންގެ އޮބްޒަރވޭޝަންތަކާއެކު، ރިޔާސީ އިންތިހާބު 2023 ވެގެންދާނީ، އެންމެ ރަނގަޅަށް، އެންމެ ގިނަ އަދަދެއްގެ މީހުން އޮބްޒާވްކޮށް މޮނިޓަރ ކުރެވޭނެ އިންތިޚާބަށް ކަމަށެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާއިރު، މާލެ ސަރަހައްދުގައި 176 ވޯޓު ފޮށި، މާލެ ފިޔަވައި ސިޓީތަކާއި އަތޮޅުތަކުގައި 384 ވޯޓު ފޮށި، ސިނާއީ މަސައްކަތް ކުރާ ތަންތަނާއި ޖަލުތަކުގައި 6 ވޯޓު ފޮށި، އަދި ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން މައުލޫމާތުދީފައިވެއެވެ.

ހަމައެއާއެކު، ސްރީލަންކާ، އިންޑިއާ، މެލޭޝިޔާ، އިނގިރޭސިވިލާތް އަދި އަބޫދާބީ ގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ސްރީލަންކާގައި ދެ ވޯޓު ފޮށި، މެލޭޝިޔާގައި 3 ވޯޓު ފޮށި އަދި އެހެން ކޮންމެ ގައުމެއްގައި އެއް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!