ޚަބަރު ސިޔާސީ

އާބާދީ ކުޑަ މާޅޮހުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ރައީސް ވައުދުވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބ. މާޅޮހުގައި

766 މީހުން ދިރިއުޅޭ ބ. މާޅޮހުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވައުދުވެވަޑައިގެންފި އެވެ.

Ads by Sosun Fihaara

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާޅޮހަށް ވަޑައިގެން ރައީސް ޞާލިހު ވިދާޅުވީ އެރަށާއި ކައިރިން އޮންނަ ހަނިފަރުބޭގައި ޑައިވްކޮށް އެތަން ބަލައިލުމަށް ގިނަ ބަޔަކު ޒިޔާރާތް ކުރާކަމަށެވެ. އެހެންކަމުން އެމީހުންނަށް ތިބެވޭނެ ގޮތަށް އެރަށުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރައްވާނެކަމަށް ރައީސް ޞާލިހު ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ ހަނިފަރުބޭ މިހާރު ހިމާޔަތް ކޮށްފައި އޮތީ 10 އަހަރަށް ނަމަވެސް އެމުއްދަތު އިތުރު 10 އަހަރަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ހަނިފަރުބޭ ބެލެހެއްޓުން ބ. އަތޮޅު ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކުރަން ނިންމައި އޭގެން ލިބޭ އާމްދަނީވެސް އެއަތޮޅު ރަށްރަށަށް ހަމަޖެއްސުމަކީ މުހިންމު ކަމެއްކަމުން އެބަދަލު ގެންނާނެކަމަށްވެސް ރައީސް ޞާލިހު ވިދާޅުވި އެވެ.

މީގެ އިތުރުން މާޅޮހުގެ ސިއްހީ މަރުކަޒު އާ އިމާރާތެއް ތަރައްގީ ކުރުމުގެ ވައުދާއި، ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއްގެ އިތުރުން ކްލާސް ރޫމާއި، އާ މިސްކިތެއް އެޅުމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި ރަށުގެ ކުޅިވަރު ތަރައްގީ ކުރުމަށް ފުޓްސެލްއާއި ފުޓުބޯޅަ ދަނޑެއްވެސް ތަރައްގީ ކުރަން ވައުދުވި އެވެ.

ރައީސް ޞާލިހު ވަނީ އެމަނިކުފާނުގެ ސަރުކާރުގައި މާޅޮހުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރުމާއިއެކު ބަނދަރު ތަރައްގީކޮށް ނިމިފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެހެންކަމުން ރަށުގެ ތަރައްގީއަށް އިތުރު ކަންކަން ކުރަން އިތުރު ފަސް އަހަރުގެ ދައުރެއް ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!