ޕާކިސްތާނުގައި ކޭބަލް ކާރެއްގެ ތެރޭގައި 6 ކުޑަކުދިންނާއި 2 ޓީޗަރުން ނުރައްކާތެރިގޮތަކަށް ތާށިވެއްޖެ
ޕާކިސްތާނުގެ ސަރަހައްދެއް ކަމަށްވާ ބައްޓަފްރަމްއިން ދަތުރުކުރަމުންދިޔަ ކޭބަލް ކާރެއްގެ ތެރޭގައި 6 ކުއްޖަކާއި ދެ ޓީޗަރެއް ތާށިވެފައިވާކަމަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ބައްޓަގްރަމް އިން ދަތުރުކުރަމުންދިޔަ ކޭބަލް ކާރު ހުއްޓުނީ އެ ކާރު ދަތުރުކުރަމުންދިޔަ، ކޭބަލް ލައިންތަކުގެ ތެރެއިން ލައިނެއް ކަނޑައިގެން ދިއުމުންނެވެ.
މިއަދު ޕާކިސްތާނުގެ ގަޑިން ހެނދުނު 7:00 ހާއިރު މި ހާދިސާ ހިނގާފައިވާއިރު އޭގެ ތެރޭގައި ތިބީ ކޭބަލް ކާރުގައި ސްކޫލަށް ދިއުމަށް ދަތުރުކުރަމުންދިޔަ ހަތް ކުދިންނާއި ޓީޗަރަކު ކަމަށްވެއެވެ.
އެ ސަރަހައްދުގައި ޑޮކްޓަރުންވެސް ހަރަކާތްތެރިވަމުންދާއިރު، މިހާރު ދެ ކުދިން ސަލާމަތްކުރެވިފައިވާކަމަށާއި ރޭގަނޑުވުމުން ތާށިވި ކުދިންނާއި ޓީޗަރުން ސަލާމަތްކުރުމުގެ އޮޕަރޭޝަން މިހާރު ވަނީ މެދުކަނޑާލާފައެވެ.
ފުރަތަމަ ކުއްޖާ ހެލިކޮޕްޓަރުގައި ސަލާމަތްކޮށްފައިވާއިރު، ދެވަނަ ކުއްޖާ ސަލާމަތްކުރީ ޒިޕްލައިން ބޭނުންކޮށްގެން ކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ.
ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ބަޓާގްރާމް ސިޓީ ކައިރީގައި ކޭބަލް ކާރު ހުއްޓިފައިވާއިރު، އޭގެ ދޮރު ވަނީ ހުޅުވިފައެވެ. އަދި ގަދަ ވައިގެ ސަބަބުން ހެލިކޮޕްޓަރުގައިވެސް ކުދިން ސަލަމާތްކުރަން ހުރަސް އެޅިފައިވާއިރު، ހެލްކޮޕްޓަރު ކޭބަލްއާ މާ ކައިރިވެއްޖެނަމަ، އިތުރު ކޭބަލެއް ކަނޑައިގެން ދިޔުމުގެ ބިރު އޮތުމުގެ ސަބަބުންވެސް، ހުރިހާ ކުދިން ސަލާމަތްކުރުމުގައި ގޮންޖެހުންތަކާ ދަނީ ކުރިމަތިވަމުންނެވެ.
ކޭބަލް ކާރުގައި ތާށިވެފައިވަނީ އުމުރުން 10 އަހަރާ 15 އަހަރުގެ ކުދިން ކަމަށާއި، އެ ގައުމުގެ ކަމާގުޅުންހުރި އިދާރާތަކުން މައުލޫމާތު ދޭގޮތުގައި، ކޭބަލް ކްރޮސިންގް އެކްސްޕާޓުން ފޮނުވައިގެން ކޭބަލްގައި ކުޑަ ޑޯލީ ކެރިއަރެއް އަޅުވައި، ކުދިން ސަލާމަތްކުރުމުގެ މަސައްކަތްތައް ފަށާފައިވަނީ ކޭބަލް ކާރުގައި ކުދިން ތާށިވިތާ 12 ގަޑިއިރު ފަހުންކަމަށްވެސް އެނގިފައިވެއެވެ.
ތާށިވި ކުދިންގެ ތެރޭގައި އެއް ކުއްޖަކީ ހިތުގެ މައްސަލައެއް ހުންނަ ކުއްޖެއްކަމަށާއި އެކުއްޖާ އެތައް ގަޑިއިރެއް ވަންދެން ހޭނެތިފައި އޮތްކަމަށް ޕާކިސްތާނިގެ މީޑިއާތަކަށް ބުނެފައިވެއެވެ. ހޫނުގަދަވުމާއި ބިރުވެރިކަމުގެ ސަބަބުން ކުޑަކުއްޖަކު ހޭނެތިފައިވާ ކަމަށް ރެސްކިއު ޓީމުންވެސް މައުލޫމާތުދީފައިވާއިރު، އެއީ ހިތުގެ މައްސަލަ ހުރި 16 އަހަރުގެ ކުއްޖާއާ ކަމެއް ޔަގީނެއްނުވެއެވެ. އަދި ސަލާމަތްކުރެވުނު ކުދިންގެ ތެރޭގައި އެކުއްޖާ ހިމެނޭކަމެއްވެސް ކަށަވަރުނުވެއެވެ.
އެ ކޭބަލް ކާރު ދަތުރު ކުރަމުން ދިޔައީ އެ ދުވަހުގެ ފަސް ވަނަ ދަތުރެއްގައި ކަމަށް އެ ގައުމުގެ ފުލުހުންގެ އޮފިޝަލަކު ބީބީސީއަށް ވިދާޅުވި އެވެ. އަވަށް ތަކުން ކުދިން ސުކޫލަށްދާއިރު މަގުމަތި ބޭނުންކޮށްގެން ދާނަމަ ސުކޫލަށް ދެވެނީ ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަކޮށްފައި ކަމަށްވާތީ ގިނަ ސުކޫލް ދަރިވަރުންނާއި ޓީޗަރުން ކޭބަލް ކާރުގައި ދަތުރުކުރެއެވެ. ސަބަބަކީ ކޭބަލް ކާރަކުން 4 މިނެޓް ތެރޭގައި ސުކޫލާ ހަމައަށް ފޯރާތީއެވެ.
ކޭބަލް ކާރުގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 150 އެއްހާ މީހުން ނުރައްކާތެރި ދަތުރެއްކޮށްފައި ސްކޫލަށް ދަނީ އެ ސަރަހައްދުގައި ދަތުރުފަތުރުގެ ފުރުސަތު ނެތުމުން ކަމަށްވެއެވެ.