މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވީ ކަރަންޓާއި ފެން ބިލު ދެއްކުމުގައި ދަތިތަކެއް ހުންނަކަމަށް ފާހަގަކުރެވޭކަމަށާއި، އެކަނިކުފާނުގެ ވެރިކަމެއްގައި އެކަމަށް ލުއިފަސޭހަ ގޮތެއް ހައްދަވައިދެއްވާނެކަމަށެވެ. އެގޮތުން ކަރަންޓު ބިލުގެ ފުރަތަމަ 100 ޔުނިޓު ހިލޭކުރުމާއެކު ފެންބިލުގެ ފުރަތަމަ 3000 މީޓަރު ހިލޭ ލިބޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މިހެން ވިދާޅުވީ ކެންޕެއިން ދަތުރުގައި އެޕާޓީގެ މެންބަރުންނާއެކު އައްޑޫ އަތޮޅު ފޭދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަމުންނެވެ.
"ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނެ ވާހަކައާއި ގޭބީސީތަކަށް ފެން ލިބުމުގައި 3000 މީޓަރު ފެން ހިލޭ ކުރާނެ ވާހަކަ ދަންނަވަން"
ނާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ފޭދޫގައި ނަރުދަމާއާއި ބިން ހިއްކުން ފަދަ މަސައްކަތްތައް ކޮށްފައި ހުރިތަން ފެންނަންހުރި ކަމަށާއި ނަމަވެސް ރަށުގެ ރައްޔިތުންނަށް ނަފާ ލިބޭނެ މަގެއް ތަނަވަސްކޮށްދެވިފައި ނުވާކަމަށެވެ. އަދި ރަށެއްގައި ހަމައެކަނި ފެނާއި ނަރުދަމާ އަދި ބިން ހިއްކުމަކުން އެއީ ތަރައްޤީއެއް ނޫން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެއީ ސަރުކާރަކުން ހެޔޮފުޅުވެގެން ކުރާކަމެއް ނޫންކަމަށާއި އެއީ އެރަށެއްގެ ރައްޔިތުންގެ އަސާސީ ޙައްޤެއްކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އައްޑޫ ވެގެންދާނީ އެންމެ ބޮޑު ބަދަލެއް އަންނާނެ ސިޓީކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުން މުއްސަނދިކުރުވާ ނަފާލިބޭ ބަޔަކަށް ހެދުންކަމަށް ނާޒިމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ޞިއްޙީ ސިޔާސަތުގެ ތެރެއިން ކޮންމެ ރައްޔިތަކަށް އިންޝުއަރެންސް ކާޑު ތަޢާރަފްކުރުމާއެކު ބޭސްފަރުވާއަށް ސަލާންޖެހުމަށް ނިމުމަކަށް ގެންނާނެކަމަށެވެ.
މީގެ އިތުރުން އިޤްތިޞާދީ ސިޔާސަތުގެ ތެރެއިން، ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސަރުކާރުގެ ފަރާތުން ގެސްޓުހައުސް އަޅައި، ޒުވާނުންނަށާއި އެ ދާއިރާއިން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ތަޅުދަނޑި ޙަވާލުކުރާނެ ވާހަކަ ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނާޒިމް ވަނީ ސަރުކާރުތަކުން އައްޑޫގެ އެކި ރަށްރަށުގައި ގެެސްޓުހައުސް އެޅުމަށް ބިން ހިއްކާފައި ހުރި ނަމަވެސް، ގެސްޓުހައުސް އެޅޭނެ ގޮތެއް އެރަށުގެ ރައްޔިތުންނަށް ހޯދާދީފައި ނުވާތީ، އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާފައެވެ.
ނާޒިމް ވިދާޅުވީ ވަކި ތަނަކަށް މީހުން ތޮއްޖެހުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތްކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރަށުގައި ދިރިއުޅޭ ޒުވާނުންގެ އާބާދީ މަދުވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ގިނަވެފައިވާކަމަށެވެ.
"ރާއްޖޭގެ އުފެދޭ ސަރުކާރުތަކުގެ ސަގާފަތަކަށް މިވަނީ އެއްތަނަކަށް މީހުން އެއްކުރުމުގެ ސަގާފަތް، އަބަދުވެސް މާލެއަށް ތޮއްޖެހުމުގެ ސަގާފަތް، ގްރޭޓާ މާލެ ނޫން ތަނެއް ނެތް ގޮތަށް ދައްކައި..."
"މި ސިޓީ ތަރައްޤީ ނުކުރާންވީ ތަނެއް އަޅުގަނޑަކަށް ނުފެނޭ، ފަސްގަނޑުގެ ގޮތުން ބޮޑު ތަނެއް، ތަރައްޤީ ކުރުމުގެ ފުރުޞަތު އޮތް ތަނެއް، އިންޓަނޭޝަނަލް އެއާޕޯޓު އޮތް ތަނެއް، މިތަނުގައި އެކި ކަހަލަ ހަރަކާތްތައް ހިންގެން އޮތް ތަނެއް"
ނާޒިމްގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގެވަޅެއް ލިބިފައިވާ ކޮންމެ މީހަކަށް ލުއި ފަސޭހަ ގޮތަކަށް އިމާރާތްކުރުމުގެ މަގުފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ސޮވެރިން ގެރެންޓީގެ ގޮތުގައި ދެއްވާނެކަމަށް ވިދާޅުވިއެވެ.
"...ގެވަޅު އޮތް ކޮންމެ މީހަކު ބެންކަށް ދިޔައިމާ، އަޅުގަނޑުމެން ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން، އެމީހަކަށް އިސްލާމިކް ފައިނޭންސްގެ ތެރެއިން ގެވަޅު ލިބޭގޮތަށް ފައިސާ ދޫކުރާނަން"
ނާޒިމްގެ ރިޔާސީ ކެންޕެއިންގެ ދަތުރުގެ ތެރެއިން އައްޑޫ އަތޮޅު ހިތަދޫގައި ވަނީ ބޮޑު ޖަލްސާއެއް ބާއްވައި އެ އަތޮޅުގެ ކޮންމެ ރަށެއް ތަރައްޤީ ކުރާނެ ގޮތުގެ ވީޑިއޯ ރިޕޯޓެއް ދައްކާފައެވެ. ނާޒިމްގެ މިދަތުރުގައި ރަނިންމޭޓް ޑރ. އަޙްމަދު އަދީލް ނަސީރުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ނާޒިމްގެ ވެރިކަމުގަ ރާއްޖޭގެ ބިމުން ތެޔޮ ނެގެނީބާ
ދެން އިތުރަށް ހިނގާ ޔުނިޓުން މީހާ ސަލާމަތް ނުވާނެދޯ؟