ޚަބަރު ސިޔާސީ

އަޅުގަނޑުމެންގެ ބޮޑު ބަދަލެއް މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް: ނާޒިމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ފޮޓޯ: މިހާރު

އެމަނިކުފާނުގެ ވެރިކަމެއްގައި މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް ބޮޑު ބަދަލެއް ގެނެސްދެއްވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ހުޅުމާލެ ފޭސް 1 އަދި 2 ގެ ރައްޔިތުންނާ ބައްދަލުކޮށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މި ތިން ރަށް ތަރައްޤީ ކުރާނޭ ގޮތުގެ ތަސައްވުރެއް ކުރެހުމެއްގެ ސިފައިގައި ދައްކާފައިވާނެކަމަށެވެ. އަދި އެމަނިކުފާނުގެ ތަސައްވުރު ހަޤީޤަތަކަށްވާ މަންޒަރު ފެންނަކަމަށްވެސް ވިދާޅުވިއެވެ.

"މާލޭގައި ރަނގަޅު ޕާކިން ނިޒާމެއް ޤާއިމްކުރަން އެބަ ޖެހޭ، ހަމަ އެއާއެކު މާލޭން ހުޅުމާލެއަށް، މާލޭން ވިލިމާލެއަށް އެރުމަށްޓަކައި ކާރު ދުއްވުމުގެ ބަދަލުގައި އަޅުގަނޑުމެން ތަޢާރަފްކުރަނީ މޮޓޯރެއިލް، ޤަބޫލުފުޅުކުރައްވާ މިއީ އަގު ބޮޑު އެއްޗެއް ނޫން"

ނާޒިމް ވިދާޅުވީ އެންމެ ފުރަތަމަ މާލެ ހުޅުމާލެއާދެމެދު އަޅާފައިވާ ބްރިޖްގެ ޑިޒައިނުގައި މިކަން ހިމަނާފައިވާނެކަމަށެވެ. ނަމަވެސް އޭރު ތިއްބެވި ބޭފުޅުން އެކަން ކުރައްވަން ބޭނުންފުޅު ނުވީމާ އެކަން ނުކުރެއްވީކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑު ދަންނަވަން އޮތީ، ޓްރެފިކް ވައިލޭޝަން ކުޑަކުރުމަށާއި، މީހުންނަށް ދަތުރުފަތުރު ލުއިކުރުމަށްޓަކައި އަޅުގަނޑުމެން މޮޓޯރެއިލް އަޅައި ރާއްޖޭގެ ރައްޔިތުންނަށް ދައްކާނަން"

ނާޒިމް ވަނީ މި މާލޭގައި މީގެ 30 އަހަރު ކުރިން އެޅި ދަރުބާރުގެ ފިޔަވައި 500 މީހުންނަށް ވަދެވޭވަރުގެ ތަނެއް ނެތްކަމަށް ބުނެ މިސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި މި ސަރުކާރުން މިކަހަލަ ކަންތައްތަކަށް ލަދުގަންނަން ޖެހޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ބޮޑެތި ޙަފްލާތައް ބޭއްވޭނެ ފަދަ ބޮޑު ކޮންވެންޝަން ސެންޓަރެއް ޤާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ނާޒިމް ވަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކޮށް، ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޝަކުވާ އަޑުއައްސަވާފައެވެ. އަދި ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތު ސަރުކާރަށް ފެނިވަޑައިނުގަންނަވާތޯ ސުވާލުކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!