ޚަބަރު ސިޔާސީ

ވިލާ އެއާގެ ދަށުވެ ތަރައްޤީނުވެ އޮތް ކާޑެއްދޫ އެއާޕޯޓު ސަރުކާރުގެ ބާރުދަށަށް ގެންނާނަން: ނާޒިމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ވިލާ އެއާގެ ދަށުވެ ތަރައްޤީނުވެ އޮތް ގދ. ކާޑެއްދޫ އެއާޕޯޓު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ސަރުކާރުގެ ބާރުގެ ދަށަށް ގެންނަވާނެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ވިލާ އެއާއަށް 50 އަހަރަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް އަތުލަން މި ސަރުކާރުން ޖެނުއަރީ 2017 ގައި ނިންމި އިރު، ވިލާ އެއާ އިން ޝަރީއަތަށް ހުށަހެޅުމުން އެ މައްސަލަ މޭ 10، 2021 ގައި ސުޕްރީމް ކޯޓުން ނިންމީ ވިލާ އެއާއާ އެއްކޮޅަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ގދ. ތިނަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ގާސިމް އިބްރާހީމްގެ ވިލާ އެއާ އަށް ދީފައި އޮތް ކާޑެއްދޫ އެއާޕޯޓަށް އެއްވެސް ތަރައްގީއެއް ނާންނަ ކަމަށާއި އެއާޕޯޓް އޮތީ މީގެ 20-25 އަހަރު ކުރިން ވެސް އޮތް ހާލަތުގައި ކަމަށެވެ. އެހެންވެ އެ ތަނުގެ ހާލަތު ރަނގަޅު ކުރަން އެ އެއާޕޯޓް ސަރުކާރަށް ނަގަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

""މިކަން ނުކުރެވި އަމިއްލަ ވިޔަފާރިވެރިންގެ ދަށުވެގެން ސަރުކާރެއް ނުހިންގޭނެ. ކަންކަން ކުރަން އެނގިގެން ކަންކަން ކުރަން އަންނަން ޖެހޭނީ،" ނާޒިމު ވިދާޅުވި އެވެ. "އަޅުގަނޑަށް ގަބޫލު ކުރެވޭ އެކަން ކުރެވިދާނެ ކަމަށް." ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވެރިކަމެއްގައި ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގައި އެ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރައްވާނެކަމަށް ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، ދުނިޔޭގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު އިގްތިސާދު ބާރުވެރި ކުރުވާ އެއް ގޮތަކީ ދަތުރުފަތުރުގެ ނިޒާމު ރަނގަޅު ކުރުން ކަމަށެވެ.

"މިހާރު މިތަނަށް އައީމަ ވެސް އެ އެއާޕޯޓުގެ އަށިމައްޗަށް ލަގެޖު އެއްލާލާ ތަނާއި ގާޑިއަލަކަށް ލައިގެން ދަމާތަނާއި ނުކުންނަ ގޮތަށް ފާހަނައެއް ނެތިފައި ހުންނަން ޖެހޭ،" އެ ހާލަތު ބަދަލު ކުރުމަށް ކާޑެއްދޫ އެއާޕޯޓު އަމިއްލަ މީހެއްގެ އަތުގައި އޮތް އޮތުން އޭނާ ނިމުމަކަށް ގެންނާނެކަމަށް ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.

"މިކަން ނުކުރެވި އަމިއްލަ ވިޔަފާރިވެރިންގެ ދަށުވެގެން ސަރުކާރެއް ނުހިންގޭނެ. ކަންކަން ކުރަން އެނގިގެން ކަންކަން ކުރަން އަންނަން ޖެހޭނީ. އަޅުގަނޑަށް ގަބޫލުކުރެވޭ އެކަން ކުރެވިދާނެ ކަމަށް،" ހަމައެކަނި އެއާޕޯޓެއް އޮތުމަކުން ވެސް ތަރައްގީއެއް ނުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ތަރައްގީ ކުރުމަށް އެއާ ގުޅުން ހުރި ކަންކަން ކުރަން ޖެހޭނެ ކަމަށާއި ހުވަދޫ ސަރަހައްދުގައި ޓޫރިޒަމް ފުޅާވާން ޖެހޭ ކަމަށް ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ހުވަދޫ އަތޮޅުގައި ސިޓީ ހޮޓާތައް އިމާރާތްކޮށް، ވަޒީފާތައް އުފައްދަވާނެ ކަމަށާއި ގދ. މަޑަވެއްޔާއި ހޯނޑެއްދުއަކީ މުސްތަގުބަލް އޮތް ދެ ރަށް ކަމަށާއި މަސްފިނިކޮށް، ރައްކާ ކުރެވޭނެ ނިޒާމަކާއި ދަޅުމަސް ބަންދުކޮށް، ރާއްޖެ އިން ބޭރަށް ފޮނުވޭނެ ގޮތް ވެސް އެމްއެންޕީގެ ވެރިކަމެއް ހަދާނެ ކަމަށެވެ. އަދި ތިނަދޫގައި ވެސް މަސް ގަނެ، ރައްކާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!