ކެމްޕޭނަށް ރަށްރަށަށް ދިޔައިރު ފެނުނީ ރައްޔިތުން މޮޅިވެރިވެ ނިކަމެތިވެ އަދި ބިކަވެފައިވާތަން: އަމްރު
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ދަ ޑިމޮކްރެޓްސްއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސްފައިވާއިރު ފެނިގެން ދިޔައީ ރައްޔިތުން މޮޅިވެރިވެ، ބިކަވެ ނިކަމެތިވެފައިވާތަން ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ކެމްޕޭނުގެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ރައްޔިތުން ނުކުމެ 2018 ވަނަ އަހަރު ވޯޓު ދިނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ރައްޔިތުންނަށް ދެއްވި އިތުބާރެއްގެ ސަބަބުންކަމަށެވެ.
އެގޮތުން އޭރު މަހުގެ އަގު އުފުލާނެ ކަމުގެ އުންމީދާއިއެކު މަސްވެރިން ރައީސް ޞާލިޙާށް ވޯޓު ދެއްވިކަމަށާއި ދަނޑުވެރިން އެ ހައްދާ އެތިކޮޅަށް ރަނގަޅު އަގެއް ލިބޭނެކަމުގެ އުންމީދުގައި 2018 ގައި ރައީސް ޞާލިޙަށް ވޯޓު ދެއްވިކަމަށާއި އަދި ރައީސް ޞާލިޙަށް ވޯޓު ދިނީ ތަކެތީގެ އަގު ހެޔޮކޮށް، ކަރަންޓުގެ އަގު ހެޔޮކޮށް، އެތެރޭގެ އުދުހުންތަކާއި ޖުމްލަކޮށް މުޅި ދިރިއުޅުމުގެ އަގު ހެޔޮކުރާނެކަމުގެ އުންމީދުގައި ކަމަށް އަމްރު ވިދާޅުވިއެވެ.
"އިންސާފު ނުލިބި އެތައް ބަޔަކު ތިބި އިންސާފު ހޯދަން އެ އުންމީދުގައި 2018 ވަނަ އަހަރު އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓު ދިނީ...ރާއްޖެއިން ކޮރަޕްޝަން ނައްތާލާނެކަމުގެ އުންމީދުގައި ދިވެހިން ނުކުމެ 2018 ވަނަ އަހަރު ވޯޓު ދިނީ" އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން ޑިމޮކްރެޓްސްއިން ރާއްޖޭހެ އެންމެ އުތުރުން ފެށިގެން ދެކުނާ ހަމައަށް ކެމްޕޭނުގައި ދަތުރުކުރަމުން އައިސް ވަރަށް ގިނަ ގޭގެއަށް ގޮސް ވަރަށް ގިނަ ރައްޔިތުންނާއި ބައްދަލުކުރައްވާފައިވާކަމަށް އަމްރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެނުނީ މޮޅިވެރިކަން، އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ބޮޑަށް ބިކަވެ ނިކަމެތިވެފައިވާތަން، އަޅުގަނޑުމެންނަށް ފެނުނީ ހާސްކަމެއްގެ ތެރޭގައި ރައްޔިތުން ވާ ތަން، ހަޤީޤަތުގައިވެސް އެ ފޮނި އުންމީދުކޮށްގެން ތިއްބާ އެދިން ލަގާއާއި ހެދީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ރުޅި އައިއްސަ، އިބްރާހިމް މުޙައްމަދު ޞާލިޙް ދެކެ ހަމަ ހަޤީޤަތުގައިވެސް ވަރަށް ބޮޑަށް ރުޅިއައިއްސަ ތިބީ" އަމްރު ވިދާޅުވިއެވެ.
ހަމައެއާއެކު މުނާފިޤުންގެ ގައިގައި ހުންނާނެކަމަށް ރަސޫލާ މުޙައްމަދު (ސއވ) ހަދީޘްކުރެއްވި އާޔަތަކަށް ރިޢާޔަތްކުރައްވަމުން އަމްރު ވިދާޅުވީ މުނާފިޤުންގެ 3 ސިފައެއް ހުންނަކަމަށެވެ.
"ރަސޫލާ ސއވ ހަދީޘްކުރައްވި އާޔަތެއްގައި މުނާފިޤުންގެ ހުރޭ 3 ސިފައެއް. އެއް ސިފައަކީ ވާހަކައެއް ދައްކާނަމަ ދޮގުހަދާނެ، ވައުދެއް ވެއްޖިއްޔާ އެ ވައުދެއް ނުފުއްދާނެ، އަދި އަމާނާތެއް ހަމާލުކޮށްފިކަމަށްވާނަމަ އެކަމަށް ޚިޔާނާތްތެރިވާނެ، މިއީ ހަޤީޤަތަކީ" އަމްރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރަށްރަށަށް ގޮސް މަގުމަތީގައި ހިގާފައި ދާއިރުގައި އަޅުގަނޑުމެންނަށް ދިމާވޭ އެބަ ސަރުކާރު މުއައްސަސާތަކުގައި އުޅޭ މީހުން، އެމީހުންނާއި ދިމާވީމައި އަޅުގަނޑުމެން ސަލާމް ގޮވާލީމައި އެމީހުންނަށް ފުރަތަމަވެސް ބަލާލެވެނީ އެމީހުންގެ ކަނާތް ފަރާތަށް، ދެން އެމީހުންގެ ވާތް ފަރާތަށް، ދެން އެމީހުންފެގެ ފަހަތް، ޖާސޫސް އަޑުއަހަން ހުރިތޯ ބަލަން ހުރިތޯ ފުރަތަމަވެސް ޗެކްކޮށްލެވެނީ، އެއަށްފަހު އެމީހާއަށް އަޅުގަނޑުމެންނާއިއެކީ އަނގައިން ބުނެވެނީ، މާގިނަ އިރަކު އަނގައިން ނުބުނެވޭ، ސަލާމް ގޮވާފައި ސަލާމް ބަލައިގަތީމަ އެހިސާބުން އެނިނުނީ" އަމްރު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން އެބޭފުޅުން ގޭގެއަށް ވެންނެވީމައި އެ ގެތަކުގައި ތިއްބަވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އުޅުއްވާ މުވައްޒަފުންނާއި އެ މުވައްޒަފުގެ ޢާއިލާ މެމްބަރުންނަށް ކެމްޕޭނަށް ވަޑައިގަންނަވާ ބޭފުޅުންނާއެކު ފޮޓޯއަކަށް އަރާފާނެތީ ބިރުން އުޅޭކަމަށް އަމްރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ގޭގެއަށް ވަނީމައި އެ ގޭގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކުރާ މީހެއް ހުރެއްޖެނަމަ، އެގޭގެ އާއިލާ މީހުން ބިރުގަނޭ އެބޭފުޅުންނާއި އެކު ފޮޓޯއަކަށް އަރައިފާނެކަމަށް
"އަޅުގަނޑުމެން އެގެއިން ނުކުމެގެން ހަމަ ދާއިރަށް އެއްކަލަ ޖާސޫސް ކަލޭގެ ވަދޭ އެގެއަށް، ވަދެ ބަލާ އެމީހުން، އެގޭ މީހުން އަޅުގަނޑުމެން ކައިރީގައި ދެއްކީ އެމީހުންގެ ހިތުގެ އޮތް ޝުއޫރުތޯ ނުވަތަ ޖާސޫސްކަލޭގެ ބުނެފައި އޮންނަ ވާހަކަތޯ، އެއީ މި ރާއްޖޭގެ ހާލަތު ގޮސް އޮތް ހިސާބަކީ" އަމްރު ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ބިރުވެރިކަމަކުން ރާއްޖެ ސަލާމަތްކުރުމަށް އިލްޔާސް ލަބީބަށް ވޯޓު ދެއްވުމަށް އަމްރުވަނީ ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.