ކުރިން އެމްޑީޕީ ދެބައިވިޔަސް އެ އަލުން "ގްލޫ" ކޮށްލުމަށް ޖާބިރު އެދުމުން ރައީސް ނަޝީދު ވިދާޅުވީ އެކަން ވާން ނެތްކަމަށް
ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން ކަމަށާއި އެޕާޓީ އަލުން "ގްލޫ" ކޮށްލައްވައިގެން ބާރަށް ކުރިއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ދެވަނަ ދައުރެއް ދެއްވަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގަތުމުން އެކަން އެގޮތަށް ވާން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެންމެން މަޝްވަރާކޮށް އެއްގަލަކަށް އަރަން ޖާބިރު މިއަދު ގޮވާލައްވާފައިވާއިރު އެބޭފުޅާއަކީ ދާދިފަހުން އެމްޑީޕީ އާ ގުޅިވަޑައިގަތް ބޭފުޅެކެވެ.
"ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އިތުރު މައްސަލައެއް ދިމައެއް ނުވޭ. އޭތި އަލުން ގްލޫ ކޮށްލެވިއްޖެ ކަމަށް ވަންޏާ، އެ ހިސާބުން ދާނީ ބާރަށް ކުރިއަށޭ... ހުރިހާ ބޭފުޅުން އަވަހަށް ނެގޯސިއޭޝަން ހައްދަވައި، އެއްބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވާށޭ،" ޖާބިރު ގޮވާލެއްވި އެވެ.
ޖާބިރުގެ ވާހަކަފުޅު ހުއްޓުވަމުން ރައީސް ނަޝީދު ވިދާޅުވީ "...އަޅުގަނޑު އެބަޖެހޭ ފާހަގަކޮށްދޭން. ދެނެއް އެކަން އެގޮތަށް ވާކަށް ނެތް،" ކަމަށެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތް ވޯޓަކީ ވެސް އެމްޑީޕީ އާ އެއް ފިކުރެއްގެ ތިބި ރައްޔިތުންގެ ވޯޓު ކަމަށާއި އެހެންކަމުން މި ފިކުރު އެއްކޮށްފައި ބޭއްވުމުން މުހިންމު ކަމަށެވެ. އަދި ޑިމޮކްރެޓްސް އާ އެކު މަޝްވަރާ ކުރުމަށް އެމްޑީޕީގެ ލީޑަޝިޕަށް ޖާބިރުވަނީ ގޮވާލައްވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބީ ހޯދަން ރައީސް ނަޝީދު ތާއީދުކުރައްވާ ޕާޓީއެއް އެނގެން މުހިންމުވެފައި އޮއްވައި އެމަނިކުފާނުގެ ޕާޓީ، ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމެއްވެސް މިއަދު ހަވީރު ބާއްވަންވަނީ ނިންމާފައެވެ.