އެމްއެންޕީއަށް ލިބުނު ވޯޓު މަދުވީ ދެވަނަ ބުރަށް އެޕާޓީ ދިޔުމުގެ ފުރުޞަތު ކުޑަވީމައި: ނާޒިމް
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީއިން ވާދަކުރެއްވި މުޙައްމަދު ނާޒިމްއަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދަކީ އެ ޕާޓީގެ މެންބަރުންގެ ހަގީގީ އަދަދެއް ނޫން ކަމަށާއި ޤަބޫލުކުރެވޭގޮތުގައި ވޯޓު މަދުވި ސަބަބަކީ ދެވަނަ ބުރަށް އެ ޕާޓީ ދިޔުމުގެ ފުރުޞަތު ކުޑަވުންކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.
ރޭ އެ ޕާޓީން ބޭއްވި ޤައުމީ ކައުންސިލްގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވޯޓު މަދުވި ސަބަބު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީއަށް ލިބުނީ 1،907 ވޯޓުކަމަށްވާއިރު އެ ޕާޓީގައި ގާތްގަނޑަކަށް 9،000 އެއްހާ މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކައެވެ.
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އެބޭފުޅާއަށް އެހާ މަދުން ވޯޓު ލިބިވަޑައިގެންނެވީ ދެވަނަ ބުރަކަށް އެ ޕާޓީ ދިޔުމުގެ ފުރުޞަތު ކުޑަކަމުންކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެން އެކެއް ނޫނީ ދޭކަށް އައުމުގެ ފުރުސަތު ކުޑަކަމަށް އަޅުގަނޑުމެން ޕާޓީގެ މެންބަރުންނަށް ފެނުނު ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. އެހެންވީމަ، އެ ބޭފުޅުން ވިސްނާފައި އޮތީ، މި ގައުމުގެ މަސްލަހަތު އިސްކޮށްފައި، އެ ބޭފުޅުންނަށް ފެންނަ ފަރާތްތަކަށް ވޯޓު ދީފައި [އޮތީ]،" ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ގަބޫލެއް ނުކުރަން އަސްލުގައި އެއީ ކަމަށް މި ޕާޓީގެ ނަންބާސް [މެންބަރުންގެ އަދަދަކީ] ކުރިއަށް އޮތް ތާނގައި އެކަން ދިމާވި ގޮތް ބަލައި ދިރާސާކުރުމަށް ފަހު، އެއާ ބެހޭ ގޮތުން މީޑިއާއަށް ހާމަ ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.
އެމްއެންޕީގެ ގައުމީ ކައުންސިލުން ނިންމީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީއާ އެކު ކުރިއަށް ދިއުމަށް ނިންމިއިރު، އިންތިހާބުގެ ދެ ވަނަ ބުރުގައި އެ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް އެމްޑީޕީން ވެސް އޮތީ ދައުވަތު ދީފަ އެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ އެކު ކުރިއަށް ދާން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީން މިރޭ ނިންމައިފިއެވެ.