ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްޤައްޔޫމު ޖަލުން މިނިވަންކުރެއްވުމަށް އެންމެ ބޮޑަށް ބޭނުންފުޅުވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އއ. ފެރިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަށް ނިޞްބަތްކޮށް އިދިކޮޅުން ތަފާތު ދޮގު ވާހަކަތައް ދައްކަމުންދާކަމަށާއި އެކަން ކުރަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައިކަމަށެވެ.
މީގެ އިތުރުން އެމްއެންޕީން މުއިއްޒުއާއެކު މަސައްކަތްކުރެއްވުމަށް ނިންމެވީ ޤައުމު ސަލާމަތްކުރުމަށްކަމަށާއި ޕީޕީއެމް/ޕީއެންސީއާއެކު އެއްބަސްވުމަކަށް އައިއިރު އެއްވެސް ޝަރުތެއް ކޮށްފައިނުވާނެކަމަށެވެ. ނަމަވެސް ޝަރުތެއް ކޮށްފައިވާކަމަށް ބުނެވެސް ދޮގު ވާހަކަތައް ފަތުރަމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ.
"ތަފާތު ދޮގު ވާހަކަތައް ދައްކައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތައް އެބަކުރެވޭ. އަޅުގަނޑާ އަޅުގަނޑުގެ ޕާޓީގެ މީހުން މި އައީ މި ޤައުމު ސަލާމަތްކުރާށޭ، މި ޤައުމު ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެން އެއްބަސްވުމެއް އެކުލަވާލީ، މި އެއްބަސްވުމުގައި އެއްވެސް ޝަރުތެއް ނޯންނާނެ، އެހެންނަމަވެސް އެބަ ލިޔެވޭ އަޅުގަނޑުމެން ޝަރުތެއް ކުރި ވާހަކަ" ނާޒިމް ވިދާޅުވިއެވެ.
އަދި ރައީސް ޔާމީނު ޖަލުން މިނިވަންކުރެއްވުމަށް އެންމެ ބޭނުންފުޅުވަނީ ނާޒިމް ކަމަށާއި ހަރާން ހުކުމެއް ކޮށްގެން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި އޮންނަންޖެހުމަކީ ނާޒިމް ޤަބޫލުކުރައްވާ ކަމެއް ނޫންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
"އަޅުގަނޑު ދުރާ ގާތުން ބައްލަވަމުން ގެންދަވާ އަދި މިތާ ތިއްބެވި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން އޮތީ އަޅުގަނޑޭ އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން. އަޅުގަނޑެއް ނޭދެމޭ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކު ޖަލުގައި އޮންނާކަށް. ސެލެކްޓިވް ޖަސްޓިސް، ވަކި ބޭފުޅަކަށް ހަރާން ޙުކުމެއް ކޮށްގެން އެތާ ބޭއްވުމަކީ އަޅުގަނޑު ޤަބޫލުކުރާ ކަމެއް ނޫން" ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން ބޭނުންފުޅުވަނީ ރައީސް ޔާމީން މިނިވަންވެ އެބޭފުޅުންނާއިއެކު ހުންނަވާނެ ދުވަހެއް ދެކެވަޑައިގަންނަވަން ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ތަފާތު ދޮގު ވާހަކަތައް ދައްކާ، ޚާއްޞަކޮށް އަޅުގަނޑުމެންނަށް ތާއީދުކުރައްވާ ބޭފުޅުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން، ހުއްޓާލަން އަޅުގަނޑު ސަރުކާރަށް ގޮވާލަން" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ތަފާތު މުހިންމު މަސައްކަތްތައް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ފެރިދޫއަށް ބޭނުންވާ މުހިންމު މަސައްކަތްތައްވެސް ހުރިކަމަށް ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެކަންކަމުގެ ތެރޭގައި އެ ރަށު ޒުވާނުންނަށް ފުރުސަތުތަކެއް އެބަހުރި ކަމަށާއި މުއިއްޒުގެ ވެރިކަމެއްގައި ޒުވާނުންނަށް ފަސޭހަކަމާއެކު ގެސްޓު ހައުސް ވިޔަފާރިއާއި ތަފާތު މެދު ފަންތީގެ ވިޔަފާރިއަށް ފުރުޞަތު އެބައޮތް ކަމަށެވެ.
މުއިއްޒު ރައީސް ކަމަށް އިންތިޚާބު ވެއްޖެނަމަ އެއީ އުންމީދީ ސަރުކާރަކަށް ވާނެކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ރައްޔިތުނ ސާބިތުކަމާއެކު ތިއްބެވުމަށާއި މިހާރު މިއޮތް ބިރުވެރިކަމާއި ފިއްތުންތަކުން ރައްޔިތުން ސަލާމަތްވާންޖެހޭ ކަމަށެވެ.
"މިތިބީ ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރޭގައި. ވަޒީފާގެ ބިރުވެރިކަމާއި ތަފާތު ވައްތަރުތަކުގެ ފިއްތުންތަކުގެ ތެރޭގައި" ނާޒިމް ވިދާޅުވިއެވެ.
"މި ސަރުކާރަކަށް ހަޤީޤަތުގައި ތިބޭފުޅުން އެދޭކަންކަން ހާޞިލެއްނުވި، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޖީބަށް ފައިސާ ވަނުން، އަޅުގަނޑުމެން ބޭނުމެއްނުވޭ ފެނާއި ނަރުދަމާއާއި ބަނދަރު ހަދައިގެން ތިބޭކަށް، މިއަދު ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށް ނިކަމެތިކޮށް" ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުން ސާބިތުވާންޖެހެނީ އެހެންވެކަމަށާއި ބިރުވެރިކަމުން ސަލާމަތްވުމަށް ނާޒިމް ވަނީ ގޮވާލާފައެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި ވަޒީފާ ތައް ނުގެއްލޭނެކަމަށާއި ރައްޔިތުންގެ އުންމީދުތައް ހާޞިލްވާނެކަމަށް ފާހަގަކުރައްވަމުން ނާޒިމް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މުއިއްޒުއަށް ވޯޓުދެއްވަން ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
އެއީ ކީއްވެ؟ ފިސްތޯލައަކުން ފްރޭމްކޮށް މުޅި ދުނިޔެއަށް އަގުވަށްޓާލާ ޖަލުގަ ތަޅުވާލީމަތަ!!! އެތަޖުރިބާވީ ތިމާއަށް އުފަލެއް ލިބުނު ކަމަކަށްދޯ!!!