ޚަބަރު ސިޔާސީ

ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގުރޫޕު އުފައްދައި ލީޑަރަކަށް އާޒިމް އިންތިޚާބުކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕު އުފައްދައި، ލީޑަރަކަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިހާބުކޮށްފިއެވެ.

Ads by MWSC

ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕު އެކުލަވާލުމަށް މިއަދު ވަނީ ފަސް މަގާމަކަށް މެންބަރުން ހޮވުމަށް އިންތިހާބެއް ބާއްވައިފައިވާއިރު ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 10:00އިން 11:00އަށެވެ. ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުކަމުގެ މަޤާމަށް ހުޅުވާލީ އިއްޔެ ހަވީރު 16:00އާއި ހަމައަށެވެ.

ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުކަމަށް އާޒިމް ހޮވާފައިވާއިރު އެބޭފުޅާވަނީ އެމްޑީޕީގެ ޕީޖީ ލީޑަރުކަންވެސް ކުރައްވާފައެވެ. މީގެ އިތުރުން ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕުގެ ނައިބު ލީޑަރުންނަށް ހޮވިފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.

އަދި ޕީޖީގެ ގްރޫޕުގެ އަމީންއާންމުގެ ގޮތުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި ވިޕުގެ މަގާމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވަނީ ހޮވާފައެވެ.

ޑިމޮކްރެޓްސްއިން މިއަދު ބޭއްވި އިންތިޚާބުގައި 11 މެންބަރަކު ވޯޓު ދެއްވެވިއިރު، އޭގެ ތެރެއިން ޕާޓީ ބަދަލުވިކަން މަޖިލީހަށް މިހާތަނަށް އަންގާފައިވަނީ އެންމެ ތިން މެންބަރުންނެވެ.

އެ ޕާޓީގެ ހުރިހާ މެންބަރުން މަޖިލީހަށް ސިޓީ ފޮނުއްވައި ދަފްތަރަށް އަރާ ހިސާބުން ޑިމޮކްރެޓްސް ވާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށެވެ.

ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި 3 މެމްބަރުން ތިއްބެވި ކަމަށް ދެއްކި ނަމަވެސް އެ ޢަދަދު އެއަށްވުރެ އިތުރުވާނެއެވެ. އެޕާޓިގެ ގިނަ މެންބަރުން ތިބީ މިނިވަން މެންބަރުންގެ ގޮތުގައިކަމަށް މަޖިލިސް ވެބްސައިޓުން ދައްކައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!