ޚަބަރު ސިޔާސީ

ޑިމޮކްރަސީގެ އެންމެ ރީތި ގޮތަކީ ރައްޔިތުން ހޮވާ މީހަކު ވެރިކަންކުރުން: ފުއާދު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ޑިމޮކްރަސީގެ އެންމެ ރީތި ގޮތަކީ ރައްޔިތުން ހޮވާ މީހަކު ވެރިކަންކުރުންކަމަށާއި ވެރިކަން ކުރަންވާނީ ވަކި ބަޔަކަށް މަންފާ ލިބުމުގެ ބަދަލުގައި ހުރިހާ ރައްޔިތުންނަށް މަންފާ ލިބޭނެގޮތަކަށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

Ads by STELCO

ފުއާދު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ޚާއްސަ މެސެޖެއްގައެވެ. ފުއާދުގެ މެސެޖުގައި ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށްޓަކައި ކޮށްދިނުމަކީ ޑިމޮކްރަސީކަމަށާއި އެ އުޞޫލުގެ ދަށުން އެކަން ކުރާނީ ރައްޔިތުން ހޮވާ މީހަކު ނުވަތަ ބަޔަކުކަމަށް ބަޔާންކޮށްފައިވެއެވެ.

ފުއާދު ވިދާޅުވީ އެންމެ ތަހުޒީބު ޤައުމުތަކުގައިވެސް އޮންނަ ފަދަ ޑިމޮކްރަޓިކް ވެރިކަމެއް ރާއްޖެއަށްވެސް އައިސްފައިވާކަމަށާއި، ރާއްޖެއަށް ޑިމޮކްރަސީގެ އަސާސްތައް އަށަގެންނެވުމުގެ ގޮތުން 1932 ވަނަ އަހަރުން ފެށިގެން އެކި މަސައްކަތްތައް ކުރެވެމުން އައިސްފައިވާކަމަށެވެ.

އެގޮތުގެ މަތިން 2008 ވަނަ އަހަރު ޑިމޮކްރަސީގެ އަސާސްތައް އެކުލެވިގެންވާ ޤާނޫނު އަސާސީއެއް ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަކަމަށް ފުއާދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޑިމޮކްރަސީއަކީ ވެރިކަމަށް އިންތިޚާބުކުރާ މީހަކު ރައްޔިތުންނަށްޓަކައި ވެރިކަމެއް ކޮށްދިނުންކަމަށްވެސް ފުއާދު ވިދާޅުވެފައިވެއެވެ.

ފުއާދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް އަށަގެންނެވުމަށް އަދިވެސް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ރާއްޖެއަށް ތަރައްޤީއާއި މިނިވަންކަން ލިބިގެންދާނީ ޑިމޮކްރަސީއާއެކުކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!